ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ޕީޕީއެމުން ވަކިކުރަން އެ ޕާޓީގެ ސުލޫކީ ކޮމެޓީން މިއަދު ނިންމައިފި އެވެ.
ފަޒާދަށް ޕީޕީއެމުން މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ އޭނާ އެ ޕާޓީން ވަކިކުރަން ސުލޫކީ ކޮމެޓީން ނިންމީ ފަޒާދުގެ އަމަލުތައް ހުރި ގޮތުން، ޕާޓީއަށް ގެއްލުން ވަމުންދާތީ އާއި އެއީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށް ވާތީ އެވެ. އެގޮތުން، ޕީޕީއެމްގެ ހަރަކާތްތަކާއި ޕާޓީގެ އެންގުންތަކާއި އެދޭ ކަންކަމުގައި އެއްބާރުލުން ނުދެއްވުމާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިނުގަތުމާއި އެ ގްރޫޕްގެ ނިންމުންތަކާ އެއްގޮތަށް އަމަލު ނުކުރައްވާ މައްސަލަ ސުލޫކީ ކޮމެޓީއަށް ފާހަގަވެފައިވާ ކަމަށް ޕީޕީއެމްގެ ސިޓީގައިވެ އެވެ. މީގެއިތުރުން ޕާޓީގެ ސިޔާސަތުތަކާ ދެކޮޅަށް މަސައްކަތް ކުރެއްވުމާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީނަށް ގެއްލުންވާ ގޮތަށް މަސައްކަތް ކުރައްވަމުންދާ ކަން ވެސް ސުލޫކީ ކޮމެޓީއަށް ފާހަގަ ވެފައިވާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
ރިޔާސީ އިންތިޚާބަށް ދެ ހަފުތާއެއްހާ ދުވަހަށް ވެފައި ވަނިކޮށް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތް ފަޒާދު ޕީޕީއެމްއިން ވަކިކުރުމާ ގުޅިގެން އޭނާ ރައްޔިތުންގެ މަޖިލީހުގައި ތަމްސީލް ކުރަމުންދާ ގޮނޑި ހުސްވާނެ އެވެ.
އެންޓި ޑިފެކްޝަން ގާނޫނުގައިވާ ގޮތުން ޕާޓީއަކުން މެންބަރަކު ވަކިކޮށްފިނަމަ ނުވަތަ ވަކިވެއްޖެނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ.