ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅުއިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ތެރެއިން އެންމެ އަހުލާގު ރަނގަޅު ދީންވެރި ބޭފުޅަކީ އިބޫ ކަމަށް، ދީނީ އިލްމުވެރިޔާ އަދި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.
މި ރޭ ހއ.ދިއްދޫގައި ބޭއްވި ކޯލިޝަން ޖަލްސާގައި ވާހަކަ ދައްކަވަމުން އަނާރާ ވިދާޅުވީ އިބޫއަކީ ރައީސެއްގެ ކިބާގައި ހުންނަން ޖެހޭ ސިފަތައް ހުންނަ ބޭފުޅެއްކަމަށާއި އެއީ ﷲ ސުބުހާނަހޫ ވަތައާލާ އެންގެވި ގޮތްތަކުގެ އަޑު އައްސަވައި ރައްޔިތުންގެ އަޑު އައްސަވާ ބޭފުޅަކަށް ވާތީކަމަށެވެ.
އަދި ރައީސަކަށް އިންތިހާބު ކުރާ މީހާއަކީ އޯގާތެރި އަދުލުވެރި މީހަކަށް ވާން ޖެހޭ އިރު އެ ސިފަތައް ހުރީ ވެސް އިބޫގެ ކިބައިގައި ކަމަށްވެސް އަނާރާ ވިދާޅުވިއެވެ.
އަނާރާ ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ގާނޫނަށް ބޯލަނބާ ވެރިއެއް ކަމަށާއި މިއީ ރައްޔިތުންގެ ބޮޑު ފަޅި އިހުތިޔާރުކޮށް އިބޫ އިންތިހާބު ކުރުމަށް މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ.