ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ މަތީ ތަޢުލީމު ޙާސިލުކުރެވޭނެ ނިޒާމެއް ޤާއިމުކުރާނަން: އިބޫ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 17ސ
ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ މަތީ ތަޢުލީމު ޙާސިލުކުރެވޭނެ ނިޒާމެއް ޤާއިމުކުރާނަން: އިބޫ
ރާއްޖޭގައި ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ މަތީ ތަޢުލީމު ޙާސިލުކުރެވޭނެ ނިޒާމެއް ޤާއިމުކުރައްވާނެކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އޮނަރަބަލް އިބްރާހިމް މުޙައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ތަޢުލީމީ ސިޔާސަތަށް ޚާއްސަގޮތެއްގައި އަލިއަޅުއްވާލައްވާ، ހއ. ދިއްދޫގެ ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން އިބޫ ސޯލިޙް ވިދާޅުވެފައިވަނީ ފަސޭހައިން މަތީ ތަޢުލީމު ޙާސިލުކުރުމުގެ ފުރުސަތު ހުރިހާ ދިވެހި ޒުވާނުންނަށް ހުޅުވިފައި އޮންނަންވާނެކަމަށާއި، ސާނަވީ ނުވަތަ މަތީ ސާނަވީ ތަޢުލީމު ފުރިހަމަކުރާ ކޮންމެ ކުއްޖަކަށް އެފުރުސަތު ފަހިކުރައްވާނެކަމަށެވެ.

ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމު ޙާސިލުކުރުމަށް ކުޑަ އިންޓަރެސްޓެއްގައި ލޯނު ދޫކުރުމަށް މެނިފެސްޓޯގައި ހިމަނާފައިވާކަންވެސް އިބޫ ސޯލިޙް ފާހަގަކުރެއްވިއެވެ. އަދި މިހާރު އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންވެސް އެލޯނު ސްކީމުގައި ބައިވެރިވެވޭނެކަމަށާއި، ލޯނަށް ފައިސާ ދެއްކުމަށްވެސް ލުއި ގޮތްތަކެއް ކަނޑައަޅުއްވާނެކަމުގައި އިބޫ ސޯލިޙް ވިދާޅުވިއެވެ.

“އެކުއްޖަކު ބޭނުންވާ ޤައުމެއްގައި، އެކުއްޖަކު ބޭނުންވާ ޔުނިވަރސިޓީއެއްގައި، ތަޢުލީމު ޙާސިލުކުރުމުގެ ފުރުސަތު ކޮންމެ ދަރިވަރަކަށް ލިބިގެންދާނެ،” ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު ވިދާޅުވިއެވެ.

ހއ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ދިއްދޫގެ ރައްޔިތުންނާ ބުރާސްފަތި ދުވަހުގެ ރޭ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އިބޫ ސޯލިޙް އިތުރަށް ވިދާޅުވެފައިވަނީ ޖީސީއީ އޭލެވަލްގައި އެއްވަނަ ހާސިލުކުރާ ހުރިހާ ދަރިވަރުން އިޚްތިޔާރުކުރާ ޤައުމެއްގައި ފުރަތަމަ ޑިގްރީއާއި ހަމައަށް މަތީ ތަޢުލީމު ޙާސިލުކުރުމުގެ ފުރުސަތު އިހުވެސް އޮތްފަދައިން ހަމަޖައްސަވާނެކަމަށެވެ.

އަދި ކަނޑައެޅޭ ވަކި ފެންވަރަކަށްވުރެ މަތިން ޑިގްރީގައި ފާސްވާ ކުދިންނަށް، މާސްޓަރސްއާ ހަމައަށް ކިޔެވުމަށް ސްކޮލަރޝިޕު އެކަށައަޅުއްވާނެކަމަށް އިބޫ ސޯލިޙް ވިދާޅުވިއެވެ.

އެމްޑީޕީ، ޖުމްހޫރީ ޕާޓީ، ޢަދާލަތު ޕާޓީ އަދި ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް އެކުވެ އުފައްދާފައިވާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަންގެ ކެންޑިޑޭޓު އިބޫ ސޯލިޙްގެ ވާހަކަފުޅުގައި، ކުދި ރަށްރަށުގެ ކުދިންގެ ތަޢުލީމަށް އިހުމާލުވެވެން ނެތްކަން ފާހަގަކުރައްވާ، ސަރަޙައްދީ ދަނާލުތަކާއި، ބޯޑިންގ މަދަރަސާތައް އުފައްދަވާ، ގްރޭޑް ދިހަޔަކާއި ހަމައަށް ކިޔެވެން ނެތް ރަށްރަށަށް އަމާޒުކޮށް، އަމިއްލަ ފަރާތްތަކާއި، ސަރުކާރު އެކުވެ ޖޫނިއަރ ކޮލެޖުތައް ޤާއިމުކުރައްވާނެކަމަށް ވިދާޅުވިއެވެ.

ޖަޒީރާ ރާއްޖެ ތަޢުލީމީ ސިޔާސަތުގެ މައިގަނޑު އަމާޒަކީ ތަޢުލީމީ ނިޒާމުގެ ތެރެއިން ނުކުންނަ ކޮންމެ ދަރިވަރަކީވެސް އަޚްލާޤު ރަނގަޅު، އަނެކާއަށް އިޙްތިރާމުކުރާ އަދި 21 ވަނަ ޤަރުނުގައި ދިރިއުޅުމަށް ބޭނުންވާ ހުނަރުތަކާއި، ޢިލްމު ލިބިފައިހުރި، ސިއްޙަތު ރަނގަޅު ކުއްޖަކަށް ހެދުންކަމަށްވެސް އިބޫ ސޯލިޙް ވިދާޅުވިމެއެވެ.
މިއަދު އޮންލައިން