މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ކަރުދާސްކޮޅުގައި ފާހަގަ ޖެހުމަށް، ވޯޓުލާ މަރުކަޒު ތެރެއަށް އަމިއްލަ ގަލަން ވެއްދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙޫމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
މިމަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގެ ތައްޔާރީތަކާއި ބެހޭ ގޮތުން މިއަދު އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަރީފް ވިދާޅުވީ، ވޯޓު ލާން ދާއިރު އަމިއްލަ ގަލަމެއް ގެންދެވޭނެ ކަމަށާއި އެކަމަށް އެއްވެސް އިރަކު މަނާ ކޮށްފައި ނުވާނެ ކަމަށެވެ.
"އަމިއްލަ ގަލަމެއް ގެންދިޔުމަކީ އަޅުގަނޑުމެން ހިތްވަރުވެސް ދޭ ކަމެއް. އިލެކްޝަންސް ކޮމިޝަނުން (ބާއްވާ) ގަލަމާމެދު ޝައްކުވަންޏާ ކޮންމެ ބޭފުޅަކު ވެސް އަމިއްލަ ގަލަމެއް ހިއްޕަވައިގެން ވަޑައިގަންނަވާ" އީސީ ގެ ރައީސް ވިދާޅުވިއެވެ.
އީސީގެ ރައީސް މިހެން ވިދާޅުވީ، ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމުން ވަކި ވަގުތެއްގެ ތެރޭގައި ފުހެވޭ ފަދަ ގަލަމެއް އިލެކްޝަންސް ކިމިޝަނުން ވޯޓު މަރުކަޒުތަކުގައި ބޭނުން ކުރަން އުޅޭކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން އަޅުވާފައި ވަނިކޮށެވެ.
މިދިޔަ ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓްގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އެފަދަ ގަލަންތަކަކާއި ވެހޭ ގޮތުން ވާހަކަ ދެކެވޭއިރު އެކަން އެކޮމިޝަނުން ސާފުކޮށްދޭން ޖެހޭނެ ކަމަށެވެ.