އައްތަހިއްޔާތުގަ އިނގިލި ދިއްކުރުން ބޮޑު މައްސަލައަކަށްވެ އެއްބައަކު ދިއްކުރުން ހުއްޓާލައިފި - އަނެއް ބައަކު ބާރަށް ތަޅުވަން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
އައްތަހިއްޔާތުގަ އިނގިލި ދިއްކުރުން ބޮޑު މައްސަލައަކަށްވެ އެއްބައަކު ދިއްކުރުން ހުއްޓާލައިފި - އަނެއް ބައަކު ބާރަށް ތަޅުވަން ފަށައިފި
އާންމުކޮށް ޖަމާއަތުގައި ނަމާދުކުރާ މީހަކު މިއަދު އައްތަހިއްޔާތަށް އިން އިރު އިނީ ކަނަތްތިލަ ހުޅުވާލައި ކަކޫމަތީގައި ބާއްވައިގެންނެވެ.

އެއީ އޭނާ ޢާންމުކޮށް ކުރާ ކަމަކަށް ނުވާތީ އެގޮތަށް މިއަދު ކަންތައް ކުރީ ކީއްވެގެންތޯ ސުވާލުކުރުމުން ބުނީ ރޭ ރައީސް ޔާމީން ދެއްކެވި ގޮތާއި ގުޅިގެން ވޯޓުލައި ނިމެންދެން އެގޮތަށް ކަންތައް ކުރަން ނިންމީ ކަމަށެވެ. "ބައެއް މަޒުހަބުތަކުގައި އެ ގޮތް ހުއްދަ ނޫންތޯ؟ އެހެންވީމާ އިންތިޚާބު ނިމި އެބުނާ 1 ގެ ބާރުތައް ކެނޑެންދެން އުޅޭނީ އިނގިލި ދިއްނުކުރާ މަޒުހަބަށް."

އެއީ ކޮންމަޒުހަބެއްތޯ ސުވާލުކުރުމުން ބުނީ މިސްކިތަށް އަރާ މިޞުރުގެ ބައެއް މުދައްރިސުން އެއީ އެ މަޒުހަބުގެ މީހުން ކަމަށާއި ޢަޞްރު ނަމާދަށް އެމީހުން އައުމުން އެއީ ކޮން މަޒުހަބެއްގެ މީހުންތޯ އަހައިލާނަން ކަމަށެވެ.

އަޑު އަހަންހުރި އިތުރު މީހަކު ބުނީ އޭނާއަކީ ޢާންމު ގޮތެއްގައި ޝަހާދަތްކިޔާއިރު ދިއްކޮށްގެން އިންނަ ކަނައަތުގެ ޝަހާދަތް އިނގިލި އެއް ފަހަރު ތަޅުވައިލާ މީހެއް ކަމަށާއި ރޭ ފަތިހުން ފެށިގެން މެދު ނުކެނޑި ވަރަށް ބާރަށް ތަޅުވަމުން ގެންދާ ކަމަށެވެ. "އަޅުގަނޑު ﷲ އަށް މިދަންނަވަނީ ނަމަދާއި ސިޔާސީ ކަންކަމާ ގުޅުވައިގެން ވާހަކަ ދައްކާ ސިޔާސީ ކެންޑިޑޭޓް، ކެންޑިޑޭޓ ނަމްބަރު 1 އަވަހަށް ބާރަށް ވައްޓަވައިލަ ދެއްވާށޭ! އެ ގޮތަށް ހިތުގަ ބާއްވައިގެން އެ ނިޔަތުގައި ބާރަށް މި ތަޅުވަނީ."

ޕީޕީއެމުން އަލިމަސް ކާނިވަލުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ "ދިވެހި ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. ދޭއް އަންނާނީ އެކަކަށްފަހު ދެއްތޯ. އެކެއް އެއީ ކިޔަން އެންމެ ރަނގަޅު އަކުރު ކަމަށްވަންޏާ أشهدُ أنْ لا إلهَ ކިޔަނީވެސް އެއް އިނގިލި ތަޅުވަމުން އައްތަހިޔާތުގައި. ދެ އިނގިއްޔެއް ނުތަޅުވަން އަޅުގަނޑުމެންނެއް. ދެ އިނގިލިން ތަޅުވާނެކަމެއް ނެތް." ކަމަށެވެ.

މިކަމާއި ގުޅިގެން އައްޝައިޚް ޢަލީ ޒައިދު މިއަދު ވަނީ ޓްވީޓެއް ކުރައްވައިފައެވެ.

"14 ޤަރުނުވެއްޖެ އައްތިހިއްޔާތުގަ 1 އިނގިލި ތަޅުވާތާ. މިއީ އެއްވެސް މީހެއް، މީހެއްގެ ޒާތީ މަންފާއާ މިކަން ގުޅުވަން ޖެހޭ ކަންކަމެއް ނޫން. މިހުންނަނީ ބަހުގެ ތެރެއިން ކަމުނުދާ ބަސްބަސް. ސުބްހާނަﷲ!"


މިއަދު އޮންލައިން