މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ބޭނުން ކުރާ ވޯޓް ކަރުދާހުގެ ޑިޒައިން ނިމި، ކުރިއަށް އޮތް ހަފްތާތެރޭގައި ޕްރިންޓުކުރުމަށް ބަޔަކާ ހަވާލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފު ވިދާޅުވީ ރިޔާސީ އިންތިހާބަށް ވާން ޖެހޭ ތައްޔާރީތައް ނިމުމަކާއި ހަމައަށް އައިސްފައިވާ ކަމަށެވެ.
މިފަހަރުގެ ވޯޓު ކަރުދާހުގައި ވަރުގަދަ ސެކިއުރިޓީ ފީޗަރުތަކެއް ހިމަނާފައި ވާކަމަށް ޝަރިފު ވިދާޅުވިއެވެ. އަދި ސެކިއުރިޓީގެ ސައްހަކަން ކަށަވަރުކޮށްފައި ނޫނީ އެއްވެސް ވޯޓް ކަރުދާހެއް ނުގުނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރުން، ސައްހަކަން ކަށަވަރުކުރަން އެއްވެސް ކަހަލަ ވަސީލަތެއް އީސީން ބޭނުންކުރަން ޖެހިއްޖެނަމަ، އެކަންކުރަންވެސް ކޮމިޝަން އޮތީތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޝާރީފުވިދާޅުވި ގޮތުގައި، 2013 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ސައްހަނޫން ކަރުދާސްތަކެއް ހުރިކަމުގެރިޕޯޓުތައް ލިބުނު ކަމަށެވެ. އެހެންކަމުން އެފަދަ ކަމެއް ދިމާވެއްޖެނަމަ އެކަން ސައްހަކޮށްފައި ނޫނީ ކަރުދާސްތައް ގުނަންނުފަށާނެ ކަމަށްވިދާޅުވިއެވެ.
އޭގެ އިތުރުން އޭނާ ވިދާޅުވީ ވޯޓު ކަރުދާސް ޑިޒައިންކޮށް، ޕްރިންޓުކުރުމުގެ މަސައްކަތް ކުރާނީ ގާނޫނުގައިވާ ގޮތުގެ މަތިންކަމަށެވެ.
"ވޯޓު ކަރުދާސް ޕްރިންޓު ކުރުމާގުޅޭ ގޮތުން އެއްވެސް ރިޔާސީ ކެންޑިޑޭޓެއްގެ ފަރާތުން ސުވާލެއް އައިސްފައިނެތް. އެއްވެސް ސުވާލެއް އަތުވެއްޖެނަމަ، އެފުރުސަތު ދިނުމާބެހޭ ގޮތުން ގާނޫނުގައި ބުނާގޮތަކަށް އަމަލުކުރާނީ. ގާނޫނުގައިއެކެންޑިޑޭޓަކަށް ދިނުން ލާޒިމް ކުރާނަމަ، އެފުރުސަތުދޭނަން. ގާނޫނު ގައި ލާޒިމް ނުކުރާ ކަމަކަށް ފުރުސަތެއް ނުދެވޭނެ،" ޝަރީފްވިދާޅުވިއެވެ.