ކޯލިޝަނުގެ ސަރުކާރުގެ ފުރަތަމަ 2 އަހަރު ދުވަސްތެރޭ ރައްޔިތުންނަށް ގެއްލިފައިވާ އިންޞާފު އަނބުރާ ހޯދައިދީ ދައުލަތުގެ މިނިވަން މުއައްސަސާތަކަކީ މިނިވަންކަމާއިއެކު ހިންގާ މުއައްސަސާތަކަކަށް ހައްދަވާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
ކޯލިޝަނުން މިރޭ އަލިމަސް ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވީ ރައްޔިތުން ބޭނުންވެގެންތިބި އިންޞާފު ލިބި މިނިވަންކަމާއިއެކު މުއައްސަސާތައް ހިންގޭނީ މަތިން ފެށިގެން ކަންކަން ބަދަލުކޮށްގެން ކަމަށެވެ.
"75 ބުރީގެ އިމާރާތެއްގެ އަގުގާ 25 ބުރީގެ ހޮހޮޅައެއް ހަދާ އެތެރެހުސްކޮށް ބާއްވައިގެން ފުއްދޭކަށް ނެތް. 100 މިލިއަން ޑޮލަރުގެ ބްރިޖެއް 300 މިލިއަން ޑޮލަރަށް ރައްޔިތުން ދަރުވައިގެން އެޅީމާ ރައްޔިތުން ސުވާލުނުކޮށެއް ނުތިބޭނެ."
"މިކަންކަމުގެ ވާހަކަ ދައްކާއިރަށް މި ބުނަނީ ތަރައްޤީއޭ ރައްޔިތުން ސުވާލެއް ނުކުރާނެއޭ. ނޫން ސުވާލުކުރާނެ. އެނގެން ބޭނުން ވާނެ. އަޑިނޭގޭ މިނަށް ޙަޤީޤަތް ނޭނގޭ ގޮތް ގޮތަށް ރައްޔިތުން ދަރުވާ މީހަކަށް ނުވާނަން. ރައްޔިތުުންގެ އެންމެ ލާރިއަކަށް ވެސް ޚިޔާނާތްތެރިއެއް ނުވާނަން. ސިވިލް ސަރވިސްގެ މުވައްޒިފުންގެ މުސާރަ ބޮޑުކޮށްދޭނަން." އިބޫ ވިދާޅުވިއެވެ.