މިކުރާ މަސައްކަތަކީ ތަރައްޤީ ހަލުއިކަމާއިއެކު ގެނެސްދިނުން: ރައީސް ޔާމީން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 52ސ
މިކުރާ މަސައްކަތަކީ ތަރައްޤީ ހަލުއިކަމާއިއެކު ގެނެސްދިނުން: ރައީސް ޔާމީން
މި ސަރުކާރުން ކުރައްވާ މަސައްކަތަކީ ރައްޔިތުންނަށް ބޭނުންވެފައިވާ ތަރައްޤީ ހަލުވިކަމާއިއެކު ރައްޔިތުންނާ ހަމަޔަށް ގެނެސްދިނުމަށްކުރާ މަސައްކަތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހައްދުންމަތީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިރޭ ލ. ފޮނަދޫއަށް ވަޑައިގެން ހައްދުންމަތީ ބޮޑުމަގާއި، ފޮނަދޫގެ ފެނުގެ ޚިދުމަތް ފަށްޓަވައިދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެން އަންނަ ދައުރެއްގައި ރާއްޖޭގެ އެކި ހިސާބުގެ ތަރައްޤީއަށް ރާއްވަވާފައިވާ ބައެއް މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅުދައްކަވައިފައެވެ. އެގޮތުން، އެމަނިކުފާނު ވަނީ ދެން އަންނަ ދައުރެއްގެ ކުރީކޮޅު ހައްދުންމަތީ ކައްދޫ އެއަރޕޯޓް އިތުރަށް ތަރައްޤީކޮށް ބައިނަލްއަޤްވާމީ ފްލައިޓްތައް މި އެއަރޕޯޓްގައި ޖައްސާ ވަރަށް އެއަރޕޯޓް ތަރައްޤީކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އަދި، މިކަމަކީ ޒުވާނުންގެ ކުރިއެރުމާއި ތަރައްޤީއަށް ހުޅުވިގެންދާ އިތުރު ފުރުޞަތެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މިކަމުގެ ސަބަބުން މި ސަރުކާރުން އެންމެ އިސްކަން ދެއްވާ އިންޓަގްރޭޓެޑް ޓުއަރިޒަމް ރާއްޖޭގައި އިތުރަށް ފުޅާކުރެއްވުމަށް އިތުރު ބާރަކަށް ވާނެކަން ވެސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް އަންނަމުންދާ ކޮންކްރީޓް ތަރައްޤީއާއިއެކު ދިވެހިންގެ ވިސްނުންވެސް ތަރައްޤީކުރަން ޖެހޭކަމަށާއި، މުޅި ދިވެހި ޤައުމުގެ ހައްޤުގައި ހުރިހާ ދިވެހިން ތެދުވަންޖެހޭކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، މިއަދު ހެނދުނު ވަނީ ލ. ހިތަދޫއަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި، ލ. މާމެންދޫއަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާގެ ޚިދުމަތް ފަށްޓަވައިދެއްވައި، ލ. މާބައިދޫއަށް ވަޑައިގެން އެރަށު ބަނދަރު ހުޅުއްވައިދެއްވައި، ލ. ގަމަށް ވަޑައިގެން ތުނޑީ އަވަށު ބަނދަރު ހުޅުއްވައިދެއްވައި، ހައްދުންމަތީ ބޮޑުމަގު ހުޅުއްވައިދެއްވައިފައެވެ.
މިއަދު އޮންލައިން