ބިންމަތީގަ ﷲ ގެ ގެކޮޅު އަޅައިދިނުމާމެދު ވެސް ޕީއެސްއެމުން ދޮގު މައުލޫމާތު ފަތުރާކަމަށްބުނެ މާމެންދޫ ރައްޔިތުން ރުޅިގަދަވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 32ސ
ބިންމަތީގަ ﷲ ގެ ގެކޮޅު އަޅައިދިނުމާމެދު ވެސް ޕީއެސްއެމުން ދޮގު މައުލޫމާތު ފަތުރާކަމަށްބުނެ މާމެންދޫ ރައްޔިތުން ރުޅިގަދަވެއްޖެ
މިސްކިތްތައް ބިނާކުރުމަކީ ބިންމަތީގައި ﷲ ގެ ގެކޮޅު ބިނާކުރުން ކަމަށްވާއިރު މިސްކިތްތައް އަޅައިދިނުމާއިމެދު ވެސް ޕީއެސްއެމުން ދޮގު މައުލޫމާތު ފަތުރާކަމަށްބުނެ މާމެންދޫ ރައްޔިތުން ރުޅިގަދަވެއްޖެއެވެ.

ރައްޔިތުންގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ އެރަށުގައި މިސްކިތެއް ބިނާކުރީ އަލިފުޅު ތުއްތު ފައުންޑޭޝަނުން ކަމަށާއި ރައީސް ޔާމީނުގެ ސަރުކާރުން ނޫން ކަމަށެވެ. އަދި އެކަން މިސްކިތުގައި މިހާރު ހުރި ލިޔުމުން ވެސް ސާބިތުވާނެ ކަމަށެވެ.



"އަލިފުޅު ތުއްތު ފައުންޑޭޝަނުން މިސްކިތް އަޅައި ހުރިހާ މަސައްކަތެއް ނިންމުމުންވެސް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން މިސްކިތް ހުޅުއްވައި ދެއްވާނެ ކަމަށް ބުނެ 4 މަސް ފާއިތުވި މިސްކިތް ނުހުޅުވާ. އެންމެފެހުން ކުރީ ރޯދަ މަހު ނަމާދުކުރަން ދަތިވެގެން މީހުން ބޭނުންވީ ނުހުޅުވި ނަމަވެސް ނަމާދުކުރަން ފަށަން. ދެމް އިސްލާމީ މިނިސްޓްރީގަ ހުއްދައަށް އެދުމުން ޖަވާބެއް ނުލިބުނު. ދެން ރަށު ކައުންސިލުން ބުނީ ހުއްދަ ނުދިން ނަމަވެސް ރޯދަ މަހު މިސްކިތް ހުޅުވައި ނަމާދުކުރަން ފަށާނެ ކަމަށް. އެހިސާބަށް ކަންކަން ގެންދިއައިމަ އެންމެ ފަހު ދުވަހު ހުއްދަ ދިނީ. އެހެންވީމާ މިއަހަރާއިއެކު ދެ ރޯދަ މަސް މިދިއައީ އެ މިސްކިތުގަ ނަމާދުކުރާތާ."

މާމެންދޫއަށް ރައީސް ޔާމީން އިއްޔެ ވަޑައިގެންެ މިސްކިތް ރަސްމީކޮށް ހުޅުއްވައި ދެއްވާނެ ކަމަށް ރައްޔިތުން ތިބީ އުންމިދުކޮށްގެންނެވެ. "ބަނދަރު ސަރަހައްދުގަ މިސްކިތް ހުރި ނަމަވެސް މިސްކިތާ ދިމާއަށް ވަޑައިވެސް ނުގެންނެވި. ބަންގި ގޮވިފަހުން ނަމާދުވެސް ނުކުރައްވައި ފުރާވަޑައިގަތީ."



މާމެންދޫ ކައުން ސިލުން ބުނީ ޕީއެސްއެމުން އިއްޔެ ގެނެސްދިން ޕްރޮގްރާމުގައި މާމެންދޫގައި ރައީސް ޔާމީނުގެ ސަރުކާރުން 6.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން މިސްކިތެއް އަޅާފައިވާ ކަމަށް ފެތުރީ ކަނޑައެޅިގެން ދޮގު މައުލޫމާތު ކަމަށެވެ. އަދި ރަށުގައި ފުޓްސެލް ދަނދެއް ތަރައްޤީ ކޮށްފައިވާ ކަމަށް ބުނެވެސް ފެތުރީ ކަނޑައެޅިގެން ދޮގު މައުލޫމާތު ކަމަށެވެ.

"ދަނޑުއަޅަން ގެނައި ތަކެތި އަދިވެސް އެހެރީ ގެނެސް ބެހެއްޓި ތަނުގަ. ބަނދަރު ސަރަހައްދުގަ. އެތަނުގައި ހުރެ ވީރާނާވަމުން އެދަނީ. އެއީތޯ އެބުނާ ފުޓްސެލް ދަނޑު އަޅައިދޭ ގޮތަކީ؟ ގެނައި ހުރިހާ ސިމެންތިތައް ހިލަވެއްޖެ. ހިލަތަކާ ވެލިތައް އެދަނީ ވިއްސި ވިހާލިވަމުން. ދަގަނޑު ހޮޅިތައް އެދަނީ ދަބަރު ޖަހަމުން. މިއީތޯ އެބުނާ ފުޓްސެލް ދަނޑު އަޅައިދޭ ގޮތަކީ؟" ރައްޔިތުން ގެންދަނީ ސުވާލުކުރަމުންނެވެ.

"ޕީއެސްއެމަށް ދޮގު މައުލޫމާތު ފެތުރުމުގެ ހުއްދަ ދީ ރައްޔިތުންނަށް ކަންކަން އޮޅުވާލައި ދޮގު މައުލޫމާތުތައް އަބަދު އެފަތުރަނީ. އެކަންކަން ބަލާނެ އެއްވެސް މުއައްސަސާއެއް ނެތް. ފިޔަވަޅު އަޅާނެ ފަރާތެއް ނެތް. އެކަމަކު އެހެން މީޑިއާއަކުން މީހަކު ކުރިކަމަށް އަމިއްލައަށް އިއުތިރާފްވެފައިވާ ކަމެއް ކުރި ކަމަށް ބުނި ނަމަވެސް މިލިއަން މިލިއަނުން އެގެންދަނީ ޖުރުމަނާކުރަމުން. މީ އެބުނާ މީޑިއާގެ މިނިވަންކަމާ މިނިވަން މުއައްސަސާތައް މިއަދު މިއޮތް ހާލަކީ." ކައުންސިލަރު ވިދާޅުވިއެވެ. މިކަމާގުޅިގެން ޕީއެސްއެމް އިން ބުނެފައިވަނީ ޕީއެސްއެމް އިން ހަބަރު ހަދަނީ އަމިއްލަމައުލޫމާތަށް ނޫންކަމަށާއި ރައީސް އޮފީހުގެ ސައިޓުގައިވާ ރަށްވެހި ތަރަށްގީން މައުލޫމާތު ނަގައިގެންކަމަށެވެ.
މިއަދު އޮންލައިން