ރާއްޖޭގެ ވެރިކަން ކުރުމަށް ރައީސް ޔާމީނަށް ދެވަނަ ދައުރެއް ދީފިނަމަ ރާއްޖޭގެ ހުރިހާ ވިޔަފާރިވެރިންނަށް ވެސް ލިބޭނީ ނިކަމެތިކަން ކަމަށާއި ޤައުމުގެ އިޤްޠިޞާދު ދާނީ އިނދަޖެހިގެން ކަމަށް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ތަފާތު ދާއިރާތަކުން ރާއްޖޭގައި އެންމެ ބޮޑަށް އިންވެސްޓްކޮށްފައިވާ ވިލާ ގްރޫޕުގެ ޗެއަރމަން ޤާސިމް އިބްރާހީމް ރޭ ވިދާޅުވީ ރާއްޖެ މިހާރުވެސް މިވަނީ ދުނިޔޭގެ ކުރިމަތީގައި ވަރަށް ބޮޑަށް އެކަނިވެރިވެފައި ކަމަށެވެ. އެހެންކަމުން އެންމެ ކުޑަމިނުން ބަޖެޓު ޑެފިސިޓް ފިލުވަން ލޯނެއް ދޭނެ ޤައުމެއްވެސް ކުރިއަށް އޮތްތަނުގައި ނުވާނެ ކަމަށެވެ.
ޤާސިމް އިބްރާހީމް މިމޭރުމުން ވިދާޅުވެފައިވާއިރު މިއަހަރުގެ ބަކެޓު ޑެފިސިޓް ފިލުވަން އެހީތެރިވި ސައުދި އަަރބިޔާ އާއި ޔޫއޭއީއާއި ދިވެހި ސަރުކާރުން ސިއްރު މުޢާމަލާތުތަކެއް ކުރަމުން ގެންދާ ކަމަށް ގިނަ ފަރާތްތަކަކުން ދަނީ ތުހުމަތުކުރަމުންނެވެ. އެހެންކަމުން އެދިން ލޯނު އެހީގެ ފަހަތުގައި ރައްޔިތުންގެ ދަރަނިވެރިކަން އިތުރުވުމުގެ އިތުރުން ފޮރުވިފައިވަނީ ކޮން ކަންތައްތަކެއްކަން ނުއެނގޭތީ ގިނަ ބައަކު މިހާރުވެސް ދަނީ ސުވާލުތައް އުފައްދަމުންނެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ޤައުމުގެ ކަންކަން އިންޞާފުގެ މަގަށް ގެންދިއުމަށް ރައްޔިތުން ފަށާފައިވާ ދަތުރުގައި ވިޔަފާރިވެރިންނާއި ރައްޔިތުންގެ ބައިވެރިވުން ވަރަށް މުހިންމު ކަމަށެވެ.
ވޯޓުފޮށިތައް ބަލަހައްޓާ މީހުންނާއި ވޯޓުލުމުގައި ހަރަކާތްތެރިވާ އޮފިޝަލުން އަދުލުވެރިވުމަށް ވެސް ޤާސިމް އިބްރާހީމް ރޭ ވަނީ ގޮވާލައްވައިފައެވެ. "ކޮންމެ މީހަކުވެސް ޤަބޫލުކުރަންޖެހޭނެ އެމީހަކާއި ހަވާލުކުރެވޭ މަސްއޫލިއްޔަތު އަދާކުރި ގޮތަކާއިމެދު ސުވާލު ކުރައްވަވާނެ ދުވަހެއް އަންނާނެކަން. އެކަމަށް އެންމެންވެސް ބިރުވެތިވާންޖެހޭނެ."
ޤާސިމް އިބްރާހީމ ވިދާޅުވީ އިންޞާފުގެ މަގަށް ރާއްޖެ ގެންދިއުމަށްޓަކައި ރައްޔިތުން ކުރަމުން ގެންދަނީ ހައްޤު މަސައްކަތްތަކެއް ކަމަށެވެ. ވީމާ މިދަތުރުގައި ބައިވެރިވުމަކީ ހުރިހާ ރައްޔިތުން ވެސް އަދާކުރަންޖެހިފައިވާ ޤައުމީ އަދި ދީނީ މަސްއޫލިއްޔަތެއް ކަމަށެވެ. "ހައްޤަށް ކުރާ މަސައްކަތެއްގައި ބައިވެރިވާން އެއްވެސް މީހަކު ބިރުގަންނާކަށް ޖެހިލުންވާކަށް ނުޖެހޭނެ."
ކޯލިޝަނާއި ގުޅުމުން ވަޒީފާ ގެއްލުން ފަދަ ކަމަކުން ލިބޭ ހުރިހާ ގެއްލުންތަކެއްގެ ފުރިހަމަ ބަދަލު ދެއްވާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބޫ ދެއްވަމުން ގެންދަވާ ޔަޤީން ކަމަށް އިތުބާރު ކުރުމަށްވެސް ޤާސިމް އިބްރާހީމް ރޭ ވަނީ ގޮވާލައްވައިފައެވެ.