ރޭ ފަތިހުގެ ވަގުތެއްގައި އައްޑޫ ހިތަދޫ ގައި ހުރި ފިހާރައެއްގައި އަލިފާން ރޯވެ، ބޮޑު ގެއްލުމެއްވެއްޖެ އެވެ.
މިހާދިސާގައި ރޯވެފައިވަނި ބޭންކް އޮފް މޯލްޑިވްސް ހިތަދޫ ބްރާންޗް ހުންނަ ސަރަހައްދުގައި ހުރި "ކައްޓި ހިއްވަރު" ފިހާރާއިގައެވެ. އެފިހާރައިގެ 90 ފަސެންޓު އަނދާފައި ވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުންޏެވެ.
ފިހާރައިގައި ރޯވި ކަމުގެ މައުލޫމާތު ލިބިފައި ވަނީ ފަތިހު ފަހެއް ޖަހަން އުޅެނިކޮށް ކަމަށާއި ވަގުތުން ހިތަދޫގެ ފަޔާ އެންޑް ރެސްކިއު ފަޔާރމަނުން އަލިފާން ނިއްވުމަށް މަސައްކަތް ކޮށްފައިވާކަމަށް އެމްއެންޑީއެފް ސަދާން އޭރިއާ އިން މައުލޫމާތު ދިނެވެ. އޭގެ އިތުރުން އަލިފާން ނިވުމަށް އާމުންގެ އެހީ ލިބުނު ކަމަށް ވެސް ބުންޏެވެ.
ފިހާރައިގައި އަލިފާން އަލިފާން ނިވައިލެވުނު އިރު، އެތަނުގެ ހުއި ހުރިހާ މުދަލާއި އެކު ބޮޑުބައި އަނދައި ބިމާ ހަމަވިކަމަށް ބުންޏެވެ.
އޭގެ އިތުރުން، އަލިފާން ރޯވުމަށް ދީމާވި ސަބަބެއް އަދި ސާފު ނުވާ ކަމަށާއި މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.
"ކައްޓިހިތްވަރު" ގައި 2014 ގައިވެސް އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
މި ފިހާރައަކީ އާންމުދިރިއުޅުމަށްބޭނުންވާ ގިނަމުދާ ވިއްކަމުންއަންނަފިހާރައެކެވެ. އަދި ރޭގެ ހާދިސާގައި އެތައް ލައްކަ ރުފިޔާއެއްއެއްގެ ގެއްލުން ވަނީ ލިބިފައެވެ.