ރިޔާސީ އިންތިޚާބުގައި، ވޯޓު ފޮށި ބަހައްޓާ ބޭރު ގައުމުތަކުގައި، ވޯޓު ލުމަށް ހަމަޖެހިފައިވާ ވަގުތުތައް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފި އެވެ.
އިލެކްޝަންސް މިއަދު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މެލޭޝިޔާގެ ކުއާލަ ލަމްޕޫރްގައި ބަހައްޓާ ފޮއްޓަށް ވޯޓު ލުން އޮންނާނީ މެލޭޝިޔާ ގަޑިން އެ ދުވަހު ހެނދުނު 11:00 އިން ރޭގަނޑު 7:00 އަށެވެ. އިނގިރޭސި ވިލާތުގެ ލަންޑަންގައި އެ ތަނުގެ ގަޑިން ހެނދުނު 9:30 އިން ހަވީރު 5:30 އަށެވެ. ސްރީލަންކާގެ ކޮލޮމްބޯގައި ލަންކާ ގަޑިން ހެނދުނު 8:30 އިން ހަވީރު 4:30 އަށެވެ. އަދި އިންޑިއާގެ ޓްރިވެންޑްރަމުގައި އެ ތަނުގެ ގަޑިން ހެނދުނު 8:30 އިން ހަވީރު 4:30 އަށް ވޯޓު ލުން އޮންނާނެ ކަމަށް އީސީން ބުނެ އެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބުގައި، 262،135 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ.