އާއްމު ވެހިކަލްތަކަށް އެއާޕޯޓަށް ވަދެވޭ ގޮތަށް ހަމަޖައްސައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
އާއްމު ވެހިކަލްތަކަށް އެއާޕޯޓަށް ވަދެވޭ ގޮތަށް ހަމަޖައްސައިފި
ސިނަމާލެ ބްރިޖުން އާއްމު ވެހިކަލްތަކަށް އެއާޕޯޓަށް ވަދެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

އެމްއޭސީއެލްއިން އާންމުކުރި އުސޫލުގައިވާ ގޮތުން އެއާޕޯޓަށް ވަންނަ ވެހިކަލްތަކަށް މައިގަނޑު ހަތަރު ސަރަހައްދެއޮވެއެވެ. އަމިއްލަ ވެހިކަލްތަކަށް ޕާކް ކުރާނެ ސަރަހައްދަކާއި ފުރަން އަންނަ ފަރާތްތައް ދަތުރުކުރާ ބަސްތަކާއި އަމިއްލަ ވެހިކަލްތަކާއި ޓެކްސީތަކަށް ޚާއްސަ ސަރަހައްދަކާއި އެއާޕޯޓުން މީހުން ބަލާ ދިއުމަށް ދާ އަމިއްލަ އުޅަނދުތަކާއި ޓެކްސީތަކަށް ޚާއްސަ ސަރަހައްދަކާއި އެއާޕޯޓުން މީހުން ބަލައި ދާ ބަސްތަކަށް ޚާއްސަ ސަރަހައްދެކެވެ.

ފުރަންދާ ފަސިންޖަރުން ދަތުރުކުރާ ވެހިކަލްތައް މަޑުކުރަން ޑިޕާޗާ ޓާމިނަލްގެ ކުރިމަތީގައި ހާއްސަ ސަރަހައްދެއް ވަނީ ކަނޑައަޅައިފަ އެވެ. މި ސަރަހައްދުގައި މަޑުކުރެވޭނީ ހަމައެކަނި ލަގެޖް ބޭލުމަށެވެ.
އިތުރު އެއްވެސް ބޭނުމެއްގައި އެ ސަރަހައްދުގައި މަޑު ނުކުރެވޭނެ އެވެ.

މީހުން ބަލާ އެއާޕޯޓަށް ދާ އަމިއްލަ އުޅަނދުތައް ވެސް އެހެން ބޭނުމެއްގައި މަޑު ކޮށްގެން ތިބުމަކީ މަނާ ކަމެކެވެ.

އެއާޕޯޓަށް ވަންނަ ވެހިކަލްތަކުން ފީ ނެގުމަށް ހަމަޖައްސާފައިވަނީ ހަތަރު ފުރޮޅީ އުޅަނދަކުން ނަމަ އެއް ގަޑިއިރަށް 20ރ. އެވެ. އަދި ދެ ގަޑިއިރަށް ނަމަ 30ރ. ނަގާއިރު، ތިން ގަޑިއިރަށް 40ރ. އަދި އެ އަށް ވުރެ އިތުރުވާ ކޮންމެ ގަޑިއިރަކަށް 30ރ. ނަގާނެ އެވެ. ސައިކަލްތަކުން އެއް ގަޑި އިރަށް 10ރ. ނަގާއިރު، ދެ ގަޑި އިރަށް 15ރ. އަދި ތިން ގަޑި އިރަށް 20ރ. ނަގާނެ އެވެ. އަދި ތިން ގަޑި އިރަށް ވުރެ އިތުރުވާ ކޮންމެ ގަޑިއަކަށް 10ރ. ނަގާނެ އެވެ.
މިއަދު އޮންލައިން