މިސަރުކާރުން މިހައި ތަނަށްވެސް ދެއްކީ ޚުދުމުޠާރުކަން ކަމަށާއި ރައްޔިތުން ތިބީ ޚުދުމުޚުތާރުކަމަށް އިތުރަށް އެއްވެސް ފުރުޞަތުދޭ ގޮތަކަށް ނޫން ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
އިބޫ ވިދާޅުވީ ޤައުމަށް ގެންނަން ޖެހޭ ހެޔޮ ބަދަލު ގެނެވޭނީ ހުރިހާ އެންމެން ގުޅިގެން ކަމަށާއި ކޯލިޝަނެއް އުފައްދައި އިދިކޮޅު ޕާޓީތައް ކޯލިޝަނާއި ގުޅުނީ އެ ބަދަލު ގެނައުމަށް ކަމަށެވެ.
ރައީސް މައުމޫނުގެ ރިފޯމް މޫވްމަންޓުން މިރޭ ހުޅުވި "ފޯން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި އިބޫ ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ސަރުކާރުން ގެންދަނީ ހުރަސްތައް ކުރިމަތިކުރުވަމުން ކަމަށާއި ރައްޔިތުން ތިބީ އެ ހުރަސްތަކަށް ފުރުޞަތު ދޭ ގޮތަށް ނޫން ކަމަށެވެ. އަދި ރައްޔިތުން ތިބީ ހުރަސްތަކާއިއެކުވެސް ނުކުމެ ވޯޓުލައި ރައީސް ޔާމީނުގެ ވެރިކަން ނިމުމަކަށް ގެންނަން ބޭނުންވެގެން އެކަމަށް އެދި ކެތް މަދުވެފައި ކަމަށެވެ.
ރައްޔިތުން ތިބީ ޤައުމުގެ ޙާލަތު ބަދަލުކުރަން ބޭނުންވެގެން ކަމަށާއި މިމަހުގެ 23 ވަނަ ދުވަހު ލާ ވޯޓުން ރައްޔިތުން އެދޭ ބަދަލު ގެންނަތަން ފެނިގެންދާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.