ދިވެހި ސަރުކާރަކީ އިޚްލާޞްތެރިކަމާއި ރައްޔިތުންނަށް އިންޞާފުވެރިކަމާއިއެކު ޚިދުމަތް ކުރުމުގެ ނިޔަތް އޮތް ނަމަ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ދުނިޔޭގެ ފެންވަރުގައި ރެކޯޑް ހަދަން އެންމެ ފަސޭހަވާނެ ސަރުކާރު ކަމަށް ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ކޮޅުމަޑުލު ހިރިލަންދޫގައި ވާހަކަފުޅު ދައްކަވަމުން ފައިޞަލް ވިދާޅުވީ ރާއްޖެއަކީ ނިޞްބަތުން ބޮލަކަށް ލިބޭ އާމްދަނީ ގިނަ ޤައުމެއް ކަމަށާއި އާބާދީގައި ތިބީ ތިން ލައްކަ ވަރަކަށް މީހުން ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަކީ ވަރަށް ކިޔަމަންތެރި ބައެއް ކަމަށެވެ.
ފައިޞަލް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަކީ އެއްދީނަކަށް ތަބަޢަވާ އެއް ނަސްލެއްގެ އަދި އެއްބަހަކުން ވާހަކަދައްކާ ވަރަށް އެކުވެރި ކަމާއިއެކު ދިރިއުޅޭ ބައަކަށްވާއިރު ރައްޔިތުންނަށް ދިރިއުޅެންޖެހިފައިމިވަނީ ވަރަށް ބޮޑު ނިކަމެތިކަމެއްގެ ތެރޭގައި ކަމަށެވެ.
ފައިޞަލް ވިދާޅުވީ ޤައުމުގެ ވެރިކަމުގައި ހުރީ ރައްޔިތުން ފަދަ އިޚްލާޞްތެރި ހިތް ހެޔޮ މީހަކު ނަމަ ޤައުމުގެ ޙާލަތު މިހިސާބަށް ނުދާނެ ކަމަށެވެ. އަދި އެއްވެސް ޤައުމެއްގައި ސަރުކާރެއް ހިންގަން ދުވަހަކުވެސް ނުލިބޭހައި ފަސޭހަކަމާއިއެކު ސަރުކާރު ހިންގުމުގެ ފުރުޞަތު ރާއްޖޭގެ މިހާރުގެ ސަރުކާރަށް ލިބުނު ކަމަށެވެ.
"މިއީ ހަމަ ދުނިޔޭގެ ރެކޯޑެއް. މުޅި ދުނިޔޭގައިވެސް ނެތް ސަރުކާރުން ބޭނުންވިނަމަ މިއަށްވުރެ ފަސޭހައިން ކަންކަން ކޮށްދެވޭނެ ސަރުކާރެއް. މިއީ ހަމަ ދުނިޔޭގެ ރެކޯޑެއް. ރައްޔިތުންގެ މަޖިލީހާއި މުއައްސަސާތަކުން އައީ ސަރުކާރުން ބޭނުންވި ކޮންމެ ކަމެއްގައި ބޭނުންވި ގޮތަކަށް އެއްބާރުލުން ދެމުން. ނަމަވެސް ކަންކަން ގޯސްވެގެން މިދިއައީ މެޖޯރިޓީއެއް ލިބުމުން އެކަމުގެ ނާޖާއިޒު ފައިދާ ނަގަން އުޅުމުން." ކަމަށްވެސް ފައިޞަލް ވިދާޅުވިއެވެ.