ދޯންޏެއް އަޑިއަށްދާތީ އެހީތެރިކަމަށް އެދުމުން އިބޫއަށް ތާއީދުކުރޭތޯ ސުވާލުކުރި ކަމަށާއި އެހީތެރިކަމެއް ނުލިބި ދޯނި ދިއައީ އަޑިއަށް ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުއްޖެއެވެ.
"ގައްލަންދޫ ކަނޑު ހުރަސްކުރަނިކޮށް ކަނޑުގަދަވެ ދޯންޏަށް ދިޔައަރައި އަޑިއަށްދާން ފެށީ. ފުލުހުންނަށް ގުޅާފަ ދޯނި އަޑިއަށް ދަނީ ކަމަށާ އެހީތެރިކަން ބޭނުން ކަމަށް ބުނީމާ އިރުކޮޅަކުން ގުޅާފަ ސުވާލުކުރީ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރަންހޭ؟ އޭނަ ބުނީ ބައްލަވާ އަޅުގަނޑުގެ ދޯނި އަޑިއަށްދަނީއޭ. ތިވާހަކަ ދެއްކޭކަށް މިހާރަކު ނެތޭ. ތިމަންނަ ވޯޓުލާނީ އިންޞާފަށޭ. ކުޑައިރުކޮޅަކުން އަނެއްކާ ގުޅާފަ ބުނީ މިވަގުތަކު ނެތޭ ލޯންޗެއް. ލޯންޗެއް ހަމަޖައްސައިފިއްޔާ ތިމަންނަމެން ތިއަ ތަނަށް ދާނަމޭ. ކުޑަ އިރުކޮޅެއްގެ ތެރޭގަ ދޯނި އަޑިއަށް ހިނގައްޖެ."
އިބޫ ވިދާޅުވީ މިއީ އޮޑިވެރިއަކު ކިޔައިދީފައިވާ ވާހަކައެއް ކަމަށާއި މިއީ މިފަދަ ކަންކަން ވެގެންވާނެ ގޮތް ނޫން ކަމަށެވެ. "މިއީ އަޅުގަނޑުމެން ދައްކާ ވާހަކައަކީ. މިއީ ވަކި ކުލައަކަށް ތާއީދުކުރާތީ ކަންތައް ވެގެންދިއަގޮތަކީ. އަޅުގަނޑުމެން ނުކުމެ މިތިބީ މިކަންތައްތައް ދެނެގަނެގެން މިކަންތައްތައް ޙައްލުކުރަން."
އިބޫ ވިދާޅުވީ މިއީ ސަރުކާރަކުން ރައްޔިތުންނަށް ޚިދުމަތް ދޭންޖެހޭނެ ގޮތް ނޫން ކަމަށެވެ. "ހަމަ ގައިމުވެސް އެކަން ހިނގާފައި އެއޮތީއަކީ އިންސާފަކުން ނޫން. މިބާވަތުގެ ކިތަންމެ ކަމެއް، ކިތަންމެ ހާދިސާއެއް އަޅުގަނޑުމެންނާ ޙިއްޞާކުރަމުން އެބަގެންދޭ."
އިބޫ ވިދާޅުވީ އިރާދަކުރެއްވިއްޔާ ކޯލިޝަނުގެ ސަރުކާރަކުން މިފަދަ ގޮތެއް މެދުވެރި ނުކޮށް ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއިއެކު ސަރުކާރުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.
ނ. މާޅެންދޫގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ މިއީ މީގެ ދެ ތިން ދުވަސްކުރިން ވަޑައިގެންނެވި ރަށަކުން ބައްދަލުވި މީހަކު ދެންނެވި ވާހަކައެއް ކަމަށެވެ.
މިޚަބަރާއި ގުޅިގެން މައުލޫމާތު ސާފުކުރަން ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުޅުމުން ފޯނު ނުނަގާތީ ފުލުހުންގެ ބަހެއް ލިބޭނެ ގޮތެއް ވަނީ ނުވެފައެވެ.
އިބޫގެ ވާހަކަފުޅުން (އޯޑިއޯ):