އިންސާފުވެރި އިންތިޚާބަކަށް ފުރުސަތު ދިނުމުގެ ގޮތުން އިންތިހާބީ މަރުކަޒުގައި ބާހައްޓާ ވޯޓާސް ލިސްޓުގައި ފޮޓޯ ހިމަނަން ޖެހޭގޮތަށް ބަދަލުކޮށްދިނުމަށް އިލެކްޝާންސް ކޮމިޝަނަށް އިދިކޮޅު ކޯލިޝަން ޕާޓީ އެމްޑީޕީ އިން އެދިއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނަށް އެމްޑީޕީ އިން ފޮނުވި ސިތީގައި ބުނެފައި ވަނީ، 23 ސެޕްޓެމްބަރ ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލާމީހުންގެ ލިސްޓުގައި ފޮޓޯ ނުހިމަނަން ނިންމާފައި ވާތީ، މިއަހަރުގެ އިންތިޚާބުގެ މިނިވަންކަމާއި އިންސާފުވެރިކަމާއި މެދު ގިނަ ރައްޔިތުން ސުވާލު އުފައްދާކަމަށެވެ.
އޭގެ އިތުރުން އެމްޑީޕީއިން ބުނީ މީގެކުއިން ބާއްވާފައިވާ އިންތިޚާބުތަކުގައި ވޯޓުލާ މަރުކަޒުގައި، އެ މަރުކަޒެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ވެފައިވާ މީހުންގެ ލިސްޓުގައި އެމީހުންގެ ފޮޓޯތައް ހިމަނާފައި، މި އަހަރުގެ އިސްޓުގައި ފޮޓޯ ނުހިމެނުމަކީ އިންތިހާބުގައި އޮޅުވާލައިގެންވޯޓު ދިނުމަށް މަގުފަހިވާނެކަމެއްކަމަށެވެ.
އެގޮތުން އިންތިޚާބުގައި މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރުކޮށްދިނުމަކީ ޤާނޫނު އަސާސީގައި އީސީގެ މައްޗަށް ބާރުއަޅާކަމަކަށް ވުމުން، ކުރިއެކޭ އެއްގޮތަށް އިންތިހާބުގައި ވޯޓުލުމުގެ ހައްގުލިބި ރަޖިސްޓްރީ ވެފައިވާ މީހުންގެ ފޮޓޯ ހިމަނަންޖެހޭގޮތަށް ބަދަލުކޮށް ދިނުމަށް އެޕާޓީއިން އެދިފައި ވެއެވެ.
މިމަހުގެ 23 ވަނަދުވަހު ބާއްވާ ރިޔާސީއިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވާ މީހުންގެ ލިސްޓުގައި އެމީހުންގެ ފޮޓޯ ނުހިމެނުމަށް މީގެކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައި އެވެ.