ރާއްޖޭގެ ވެރިކަން މިހާރު ކުރަމުންދާ ސަރުކާރު ނެތި ފަނާވެގެން މިދަނީ އެއްވެސް ބައަކާއި ނުގުޅި އެކަނި ކަންކަން ކުރަން ފައިވިއްދުމުން ކަމަށް ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިޞަލް ވިދާޅުވީ ރާއްޖޭގައި ހުރި މައްސަލަތަކުގެ އަސްލަކީ އަމިއްލަ އެދުމާ ދަހިވެތިކަން އިންތިހާއަށް ގޮސް ހަމައެކަނި ތިމާއަށް ހުރިހާ ބާރެއް ލިބޭ ގޮތަށް ވެރިކަން ކުރަން ފެށުން ކަމަށެވެ. "ހިތަކީވެސް ކޮންމެވެސް ހިސާބަކުން ފުރެންޖެހޭނެ އެއްޗެއް. ނަމަވެސް އެކަން އެހެނެއް ނޫން ވެގެންދިއައީ. އަބަދުވެސް އުޅެނީ ހިތް ނުފުރިގެން."
ފައިޞަލް ވިދާޅުވީ މިއީ ޤައުމެއް ކުރިއަރުވައި ތަރައްޤީ ކުރެވޭނެ ގޮތް ނޫން ކަމަށެވެ. ﷲ ތަޢާލާގެ ރުއްސެވުން އެންމެ ބޮޑަށް ލިބެމުން އަންނަނީ ހެޔޮ ނިޔަތުގައި ގުޅިގެން އިޚްލާޞްތެރިކަމާއިއެކު ގިނަ ބައަކު މަސައްކަތް ކުރުމުން ކަމަށެވެ. އެކީ އެއްބައެއްގެ ގޮތުގައި ގިނަ ބައަކު މަސައްކަތް ކުރުމުން ކަމަށެވެ.
"ހެޔޮ ކަންތައްތައްތަކުގަ، ގިނަ ބައަކު ގުޅިގެން މަސައްކަތް ކުރަން ﷲ ތަޢާލާ އަންގަވާފަ ވަނީ. ގުޅިގެން މަސައްކަތް ކުރުމަކީ މިސަރުކާރު ދަންނަ ކަމެއް ނޫން. އެކަން ހުރިހާ ރައްޔިތުންނަށްވެސް ވަރަށް ރަނގަޅަށް އެނގޭނެ."
ފައިޞަލް ވިދާޅުވީ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙަކީ ގިނަ ބައަކާއި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ފުރިހަމައަށް ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަން މިހާރުވެސް ވަނީ ސާބިތުކޮށް ދެއްވައި ރައްޔިތުންނަށް ދައްކަވާފައި ކަމަށެވެ. އެހެންކަމުން އެމަނިކުފާނު ވެވަޑައިގެންފައިވަނީ ރައްޔިތުން އެދޭ ގޮތަށް ރާއްޖޭގެ ވެރިކަން ކޮށްދެއްވުމަށް ހުރިހާ ގޮތަކުން އެންމެ ޤާބިލު ކެންޑިޑޭޓަށް ކަމަށެވެ.