ޓެގު އެޅުވުމާއި ބަންދުގައި ބެއިތިއްބުމަކީ ރައީސް ޢަބްދުﷲ ޔާމީނުގެ ވިސްނުންފުޅު ނޫން ކަމަށާއި ރައީސް ޔާމީނުގެ ވިސްނުންފުޅުގައި އެކަންކަމަކީ ޒުވާނުންގެ ކްރިއޭޓިވިޓީ ގެއްލޭކަމެއް ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމުން ރޭ ފޮނުވި "އެންމެ ފުރަތަމަ ޤައުމު" ޕްރޮގްރާމްގައި އަޒްލީން ވިދާޅުވީ ރައީސް ޔާމީން ކުރެއްވި މަސައްކތްޕުޅަކީީ ޒުވާނުން ކުށުގެވެށިން ސަލާމަތްކުރުމާއި ކުދި ކުށްތަކުގައި ތިބި މީހުންނަށް އިތުރު ފުރުސަތު ދެއްވުން ކަމަށެވެ.
އަޒްލީން ވިދާޅުވީ ކުށްކުރާ ޒުވާނުންނަށް ފުރުޞަތު ދިނުމަށް މިސަރުކާރުން ކުރި މަސައްކަތްތަކުގެ ސަބަބުން މިހާރުގެ ޒުވާނުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެތިބި ހަރުދަނާ ބައެއް ކަމަށެވެ.
އަޒްލީން ވިދާޅުވީ ތަފާތު ކުށްތައް ކޮށްގެން ޖަލު ބަންދުގައި ތިބި ޤައިދީންނަށް ޖަލުގައި ތިބެގެން ވެސް އާމްދަނީ ހޯދުމުގެ މަގު ފަހިކޮށްދީފައިވާ ކަމަށާއި އެކަމުގެ ސަބަބުން ޖަލުގައި ތިބެގެންވެސް އެފަރާތްތަކުގެ އާއިލާއަށް އެހީތެރިވުމާއި، އަދި ފަހަށް ރައްކާކުރުމުގެ މަގުވެސް މި ސަރުކާރުން ވަނީ ފަހިކޮށްދީފައި ކަމަށެވެ.