އިސްލާމްދީނުގެ ހަތަރު ވަނަ ރުކުން ކަމުގައިވާ ޒަކާތުގެ ނިޒާމަށް މަލާމާތްކޮށް ފުރައްސާރަ ކުރާ ބަޔަކު އެބަ އުޅޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެއެވެ.
ޒަކާތު ފަންށް ސްކޮލާޝިޕަށް ހޮވުނު ދަރިވަރުންނަށް ލިޔުން ހަވާލު ކުރުމުގެ ގޮތުން މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޒިޔާދު ވިދާޅުވީ، ޒަކާތުގެ ނިޒާމަށް މަލާމާތް ކުރަނީ މިމުޖުތަމައުގެ ތެރޭގައި އުޅޭ މަދު ބައެއް ކަމަށާއި އެއީ ވަރަށް ހިތާމަ ހުރި ކަމެއް ކަމަށެވެ.
ޒަކާތް ދެއްކުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުު ކަމަކަށްވާއިރު، އެކަމަށް މަލާމާތް ކުރުމަކީ އިސްލާމް ދީނަށް މަލާމާތް ކުރުން ކަމަށާއި އޭގެ އިތުރުން ރާއްޖޭގެ ޒަކާތުގެ ނިޒާމާ ބެހޭ ގޮތުން ޝައްކު އުފައްދާ ބަޔަކު ވެސް އުޅޭކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވެ އެކަމާއި ކަންބޮޑުވުން ފާޅު ކުރެއްވިއެވެ.
މީގެއިތުުރުން މިނިސްޓަރ ވިދާޅުވީ ޒަކާތަކީ ހަމައެކަނި ވިޔަފާރިވެރުން ދައްކަންޖެހޭ އެއްޗެއްގެ ގޮތުގައި ގިނަ ބަޔަކަށް ވިސްނިފައި އޮތް ކަމުގައި ވިޔަސް އެއީ އާމްދަނީ ލިބޭ ހުރިހާ އެންމެން ވެސް ދައްކަން ޖެހޭ އެއްޗެއް ކަމަށެވެ. އެހެންކަމުން ޒަކާތް ދެއްކުމުގެ ޙައްޤު ލިބިފައިވާ އެންމެން ޒަކާތް ދައްކާނަމަ، މިހާރަށްވުރެ ގިނަ އެހީތައް މުޖުތަމައުއަށް ފޯރު ކޮށްދެވޭނެކަން މިނިސްޓަރ ޒިޔާދު ފާހަގަ ކުރެއްވިއެވެ.