މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ތ. ކަނޑޫދޫއަށް ފޮނުވި ވޯޓު ފޮށި އެރަށައް ކަނޑައެޅިފައިވާ އޮފިޝަލެއްގެ ގެއަށް ވެއްދިކަމަށް ބުނާ މައްސަލަ އިލެކްޝަންސް ކޮމިޝަނުން ބަލަން ފަށައިފި އެވެ.
އެ ރަށު ކައުސިލް އެ މައްސަލަ ހުށަހެޅުމުން، އެކަން ހިގައި ދިޔަގޮތް މިހާރު ބަލަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުނެޏެވެ.
ކަންޑޫދޫ ކައުންސިލްގެ ރައީސް އަލީ ނާސިހު ވިދާޅުވީ، އެ ރަށުގެ ފޯކަލް ޕޮއިންޓް ގެ ގޮތުގައި އީސީން ކަނޑައަޅާފައިވާ މީހާގެ ގެއަށް، މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ވެއްދި ވޯޓު ފޮށި، ކައުންސިލް އިދަރާއަށް ގެންދިޔައީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އެހާ ގިނަ ދުވަށް ވަންދެން ގޭގައި ފޮށި ބެހެެއްޓުނީ ހަނދާން ނެތިގެންކަމަށް އޭނާ ބުނިކަމަށް ވެސް ވިދާޅުވިއެވެ.
"ތިރީސްވަނަ ދުވަހު އައި ދޯނިން ވޯޓުފޮށިބޭލިގޮތަށް އޭނާ ގެންދިޔައީ ގެއަށް. އޭގެފަހުން އެވީނުވީތަނެއް އަޅުގަނޑުމެންނަކަށް ނޭނގޭ. އެކަމަކު އެވާހަކަ މީޑިއާގައި ދައްކަން ފެށުމުން އޭނާ ރޭގެވަގުތެއްގައި ވޯޓުފޮށި ކައުންސިލާ ހަވާލުކުރީ،" ނާސިހުވިދާޅުވިއެވެ.
އޭގެ އިތުރުން ފޯކަލް ޕޮއިންޓްގެ ގޮތުގައި ކަނޑައެޅިފައި ވާމީ ހާއަކީ ޕީޕީއެމް ހަރަކާތް ތަކުގައި އިސްކޮށް އުޅޭ މީހަކަށް ވުމުން، އޭނާ ގޭގައި ވޯޓު ފޮށި ބެހެއްޓުމަކީ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށް ނާސިހު ވިދާޅުވިއެވެ. އަދި އެއީ ވޯޓު ލުމުގައި ނުފޫޒު ފޯރުވާނެކަން އަންގައިދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
23 ސެޕްޓެމްބަރ ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އޮފިޝަލުންނާއި ފޯކަލް ޕޮއިންޓުންގެ ގޮތުގައި ޕީޕީއެމްގެ އެކްޓިވިސްޓުން ނަގާފައިވާތީ އެކަމާއިމެދު ގިނަބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އަދި އޮފިޝަލުންނަށް ވުމަށް ކުރިމަތި ނުލާ މީހުނަށް ވެސް ފުރުސަތު ދީފައިވާ ކަމަށް ބުނެ ބައެއް މިހުން ވަނީ ޝަކުވާ ކޮށްފައެވެ.