ރައީސް ޔާމިން ކިތަންމެ ބިރެއް ދެއްކިނަމަވެސް، އިސްލާޙަށް ކުރެވޭ މަސައްކަތް ނުހުއްޓުވޭނެ: އިބޫ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 44ސ
ރައީސް ޔާމިން ކިތަންމެ ބިރެއް ދެއްކިނަމަވެސް، އިސްލާޙަށް ކުރެވޭ މަސައްކަތް ނުހުއްޓުވޭނެ: އިބޫ
ރައީސް ޢަބްދުﷲ ޔާމިން ކިތަންމެ ބިރެއް ދެއްކިނަމަވެސް، އިސްލާޙަށް ކުރެވޭ މަސައްކަތް ނުހުއްޓުވޭނެކަމަށާއި، އެކަން 23 ސެޕްޓެންބަރުގައި ރައްޔިތުން ނުކުމެ ދައްކާނެކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު އޮނަރަބަލް އިބްރާހިމް މުޙައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.

ނ. އަތޮޅަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވި ލަންދޫގެ ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން އިބޫ ސޯލިޙްވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާޢީދުކުރުމުގެ ސަބަބުން އަދި ކެމްޕޭނުގައި ބައިވެރިވުމުގެ ސަބަބުން ވަޒީފާގެ ބިރު ދައްކާ، ވަޒީފާ އަދާކުރާ ރަށްނޫން އެހެން ރަށްރަށަށް ބަދަލުކުރި އެތައް ބައެއްގެ ވާހަކަ ޙިއްސާކުރައްވާފައެވެ.

އެއިން އެއްވެސް ފަރާތެއް ތިބީ ދޫދޭން، ނުވަތަ ފަހަތަށްޖެހެން ނޫންކަމަށާއި، މުޅި ދިވެހިރާއްޖެވެސް އޮތީ އެގޮތަށްކަމަށް އިބޫ ސޯލިޙް ވިދާޅުވިއެވެ.

“ރާއްޖޭގެ އަމަންއަމާންކަން ގެއްލިފައިވާތީ، ރާއްޖޭގައި އަނިޔާވެރިކަން ފެތުރިފައިވާތީ، ތިޔަ ބޭފުޅުން ދައުލަތަށް ދައްކަމުންގެންދާ ފައިސާއަށް ޚިޔާނާތްތެރިވެފައިވާތީ، ވައްކަން ކުރާތީ، މިކަން ހުއްޓުވުމަށްޓަކައި،” އިބޫ ސޯލިޙް އިތުރަށް ވިދާޅުވިއެވެ.

މީގެއިތުރުން، ޖަޒީރާރާއްޖެ ވެރިކަމުގައި ރާއްޖޭގެ ރައްޔިތުން އެއްތަނަކަށް ޖަމާކޮށް، ކޮންކްރީޓް ޖަންގައްޔަކަށް ލުމުގެ ޚިޔާލު ނުގެންގުޅޭނެކަމަށާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމުގައި ރާއްޖެ ތަރައްޤީކުރާނީ ޖަޒީރާވަންތަގޮތުގައި، ލާމަރުކަޒީ އުސޫލުން، ލޯކަލް ކައުންސިލުތައް ބާރުވެރިކޮށް، ފުދުންތެރި ކުރުވައިގެންކަމަށް އިބޫ ސޯލިޙް ވިދާޅުވިއެވެ.

“އަޅުގަނޑުމެން ތިޔަ ހުރިހާ ރައްޔިތުންނަށް ފުރުސަތު ދޭނަން އެބަޔަކު ބޭނުން ރަށެއްގައި ވަޒަންވެރިވެ ދިރިއުޅުމުގެ ފުރުސަތު” އިބޫ ސޯލިޙް ވިދާޅުވިއެވެ.

ލަންދޫއަށްފަހު އިބޫ ސޯލިޙް ވަޑައިގެންނެވީ މާޅެންދޫއަށެވެ.

އެމްޑީޕީ، ޖުމްހޫރީ ޕާޓީ، ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް އަދި ޢަދާލަތު ޕާޓީގެ ފަރާތުން ރިޔާސީ ރޭހަށް ނުކުމެވަޑައިގެން ހުންނެވި އިބޫ ސޯލިޙް މާޅެންދޫގެ ރައްޔިތުންނާ ދެއްކެވި ވާހަކަފުޅުގައި މާޅެންދޫއަކީ އެމްޑީއޭއަށް ތާޢީދުކުރާ ގިނަ ރައްޔިތުންތަކެއް ތިބި ރަށެއްކަމާއި، މިރިޔާސީ އިންތިޚާބުގައި ވަކި އަތަކަށް ނުޖެހުމަށް އެމްޑީއޭގެ ކައުންސިލުން ނިންމާފައިވާކަން ފާހަގަކުރެއްވިއެވެ.

އިބޫ ސޯލިޙްވަނީ އެމްޑީއޭއާއި، ޕާޓީއަށް ތާޢީދުކުރައްވާ މެންބަރުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޮއެލިޝަނާ އަވަހަށް ގުޅިވަޑައިގެން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރާއިރު ބައިވެރިއެއްގެގޮތުގައި ތިބުމަށް އެދިވަޑައިގެން، ގޮވާލައްވާފައެވެ.

މީގެއިތުރުން އިބޫ ސޯލިޙް ވިދާޅުވެފައިވަނީ ދައުލަތަށް ލިބޭ އާމްދަނީވަނީ މިއަހަރު ނިމޭއިރު 19 ބިލިޔަން ރުފިޔާއަށް އަރާނެކަމަށާއި، މިއީ އަސާސީ ޚިދުމަތްތައް ފޯރުކޮށްނުދެވޭނެ ވަރުގެ މިންވަރެއްކަމަށް ޤަބޫލުނުކުރައްވާކަމަށެވެ.

“އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ މި 19 ބިލިޔަން ރުފިޔާ ލިބިގެން، ރާއްޖޭގެ ކަންކޮޅުތަކުގައި ފެނާއި، ނަރުދަމާގެ ނިޒާމު ޤާއިމުނުކުރެވެންވީ ސަބަބެއް،” އިބޫ ސޯލިޙް ވިދާޅުވިއެވެ. އޭނާގެ ވިދާޅުވީ އަސާސީ ޚިދުމަތްތައް ފޯރުކޮށްނުދެވުމުގެ ސަބަބަކީ ވައްކަމާއި، އިސްރާފު ޢާންމުވުންކަމަށެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމުގައި އެންމެ ފުރަތަމަކަމަކަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުން، ވެރިކަމުގެ 5 އަހަރު ދުވަހުގެ ތެރޭގައި އެކަންކަން ކޮށް ނިންމަވާނެކަމަށް އިބޫ ސޯލިޙް ވިދާޅުވިއެވެ.
މިއަދު އޮންލައިން