މިރޭ ފެށިފައިވާ ހިޖުރީ އައު އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ ޖުމްހޫރީ ޕާޓީގެ ބާނީ ޤާސިމް އިބްރާހީމް ރާއްޖޭގެ އެންމެހައި ލޮބިވެތިރައްޔިތުންނަށާއި ޖުމްހޫރީ ޕާޓީގެ މެންބަރުންނަށާއި އެންމެހައި މުސްލިމުންނަށް އަރިސްކުރައްވައިފިއެވެ.
"އުފާވެރި އިސްލާމީ އާ އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރަމެވެ. 1440 ވަނަ އަހަރަކީ ހުރިހާ ގޮތަކުންވެސް ކާމިޔާބާއި ދަރުމަ މިންވަރު ކުރައްވަވާ އަހަރެއް ކަމުގައި ލައްވަވާށި."
ހިޖުރައިގެ މާނައިގެ ތެރޭގައި އިޞްލާޙީ މަގަށް ރުޖޫޢަވުމާއި އިސްލާމް ދީނަށް އަމަލުކުރުން އިތުރުކުރުމާއި ތަޤްވާވެރިކަން އިތުރު ކުރުމާއި ޙައްޤާއި އިންޞާފުގެ މަގަށް ރުޖޫޢަވުން ހިމެނޭކަން ފާހަގަކުރައްވައި ޤާސިމް އިބްރާހީމް ވަނީ މިރޭ މިފެށުނު ހިޖުރީ އައު އަހަރަކީ ހުރިހާ ގޮތަކުންވެސް ހިޖުރައިގެ މަތިވެރި މަޤްޞަދުތައް ޙާޞިލުކުރުމަށް ގަދައަޅައި މަސައްކަތްކުރާ އަހަރަކަށް ހެދުމަށް މަސައްކަތްކުރާ ބައަކަށްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.