ރައީސް ޔާމީންގެ އަބުރާއި ބެހުނު މައްސަލަ ބުދަ ދުވަހު ކޯޓަށް ހުށަހަޅަނީ

ކިޔުމަށް ހޭދަވާނީ 1މ 34ސ
ރައީސް ޔާމީންގެ އަބުރާއި ބެހުނު މައްސަލަ ބުދަ ދުވަހު ކޯޓަށް ހުށަހަޅަނީ
ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ގެ އަބުރާއި ބެހުނުކަމަށް ބުނެ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ރާއްޖެޓީވީ އާއި ދެކޮޅަށް ކުރާ އަބުރުގެ މައްސަލަ، މިހަފްތާގެ ބުދަ ދުވަހު ކޯޓަށް ހުށަހަޅާނެ ކަމަށް އެމަނިކުފާނުގެ ވަކީލުން މިއަދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫށްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ އައްބާސް ޝަރީފް ވިދާޅުވީ، އަބުރުގެ ދައުވާ ކުރަން ކޯޓަށް ހުށަހެޅުމަށް ބޭނުންވާ ލިޔެކިޔުންތައް މިހާރު ތައްޔާރު ކުރަމުން އަންނަ ކަމަށާއި އެމްޑީޕީގެ އިތުރުން އެނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ބޭފުޅުންނަށް ވެސް ދައުވާ ކުރާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވަ ގޮތުގައި، އަބުރު ރައްކާތެރިކުރުމާއި ޙިޔާލުފާޅު ކުރުމުގެ ޤާނޫނުގެ ދަށުން، ރާއްޖެ ޓީވީގެ މައްސަލަ މިހާރު ވަނީ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮން) އަށް ވެސް ހުށަހަޅާފައެވެ. ރައީސް ޔާމީންގެ އަބުރަށް އަރައިގަތް ކަމަށް ބުނެ މީގެ ކުރިން ވެސް ރާއްޖެޓީވީ ވަނީ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކޮށްފައެވެ. އެގޮތުން އެންމެ ފަހުން ކުރި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ފައިސާ، އެސްޓޭޝަނުން އިއްޔެ ވަނީ ދައްކާފައެވެ.

އެމްޑީޕީ އާއި ދެކޮޅަށް ރައީސް ޔާމީން ދައުވާ ކުރައްވަން ނިންމެވީ، ރާއްޖެއިން ބޭރުގައި ޤަވާއިދާއި ޚިލާފަށް ތެލުގެ ވިޔަފާރި ކުރަމުންދާ ކަމަށް ބުނާ ދިވެހި ކުންފުންޏަކާއި އެމަނިކުފާނާއި ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށް އެޕާޓީގެ އިސް ބައެއް ބޭފުޅުން މިދިޔަ ހަފްތާގެ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވުމުންނެވެ. ރާއްޖެޓީވީ އާއި ދެކޮޅަށް ފިޔަވަޅު އަޅަން ގަސްދުކޮށްފައިވަނީ އެ ބައްދަލުވުން ދެއްކުމާއި ގުޅިގެން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މިއަދު އޮންލައިން