ސިނަމާލެ ބްރިޖުން ދަތުރުކޮށްފައި މާލެ އައުމަށްޓަކައި، ހުޅުމާލެއިން ހުޅުލެއަށް ދެވޭ މަގުން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ވޭނެއް ފުރޮޅާލައި އޭގައި ތިބި ބަޔަކަށް އެކި ވަރުގެ އަނިޔާ ވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި އެވޭން ފުރޮޅާލާފައިވަނީ ހުޅުމާލެއިން އެއާޕޯޓަށް ދެވޭ މަގުގައި ހުންނަ ޒުވާނުންގެ މަރުކަޒު ސަރަޙައްދުންނެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، ދެ ކާރެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށާއި އިތުރު ތަފްސީލު މިވަގުތު ދެވެން ނެތް ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓު ވެފައިވަނީ ކާރަކާއި ވޭނެއް ޖެހިއެވެ. މިއެކްސިޑެންޓުގެ ސަބަބުން ވޭން ފުރޮޅާލައި، ހަތަރު މީހަކަށް އަނިޔާ ވެފައިވެއެވެ.
ހުޅުމާލެ ހޮސްޕިޓަލް ހިންގުމާއި ހަވާލުވެގެން ހުންނަވާ އާސަންދަ ކުންފުނީގެ މީޑިއާ ކޯޑިނޭޓަރ ދާދި ދެންމައަކު މައުލޫމާތު ދެއްވި ގޮތުގައި މިއެކްސިޑެންޓުގެ ސަބަބުން ހަތަރު މީހަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވިފައިވެއެވެ.
އޭގެ ތެރޭގައި ހިމެނެނީ އުމުރުން 22 އަހަރުގެ ދެ ފިރިހެނުންނާއި 19 އަހަރުގެ ފިރިހެނަކާއި އަދި އެހެން ފިރިހެނެކެވެ.
އެފަރާތްތަކުގެ މައުލޫމާތު ހާމަ ކުރައްވަމުން އޮފިޝަލް ވިދާލުވީ، އުމުރުން 22 އަހަރުގެ އެކަކު، ބަންޕަރު މަތިން ކަހާލުމުގެ ސަބަބުން ބޮލަށް އަނިޔާތަކެއް ވެފައިވާ ކަމަށެވެ. އޭނާ އަދިވެސް ވީ އެހޮސްޕިޓަލުގެ ބޭސްއަޅާ ކޮޓަރީގައި ކަމަށް މައުލޫމާތު ލިބެއެވެ.
އަނިޔާވި މީހުންގެ ތެރެއިން އުމުރުން 22 އަހަރުގެ އަނެއް ފިރިހެން މީހާގެ ބޮލަށް ވެސް އަނިޔާތަކެއް ވެފައިވުމުން އޭނާއަށް ވެސް ބޭސް އަޅާ ކޮޓަރިން އަދިވެސް ފަރުވާ ދެމުން ދާއިރު، އޭނާއަށް އަނިޔާވީ އެކްސިޑެންޓު ހިނގި ސަރަޙައްދުން އަންނަނިކޮށް ސައިކަލަކުން ކަހާލައިގެން ކަމަށް އެނގިފައިވެއެވެ.
އުމުރުން 19 އަހަރުގެ ފިރިހެން މީހާއާއި އަނިޔާ ލިބުނު ހަތަރުވަނަ މީހާއަށް ވެސް އަނިޔާތަކެއްވީއިރު، އެދެމިހާރު ވަނީ ގެއަށް ދޫކޮށްލާފައެވެ.
އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވިފައިވަނީ 10 ސެޕްޓެމްބަރ 2018 ވީ ހޯމަ ދުވަހުގެ ރޭ 23:30 ހާއިރު އެވެ.