މާލޭ ގެއެއްގައި ބިދޭސީ އަންހެނަކު މަރުވި މައްސަލައެއް ބަލަނީ

ކިޔުމަށް ހޭދަވާނީ 57ސ
މާލޭ ގެއެއްގައި ބިދޭސީ އަންހެނަކު މަރުވި މައްސަލައެއް ބަލަނީ
މާލޭގެ ގެއެއްގައި ގެންގުޅޭ މީހެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ނޭޕާލް އަންހެނަކު ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނު މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، އެއަންހެން މީހާ ދަންޖެހިފައި ހުއްޓާ ފެނިފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. އަދި މިހާދިސާގައި މަރުވެފައިވަނީ އުމުރުން 25 އަހަރުގެ ނޭޕާލް އަންހެނެއް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.



އެއަންހެން މީހާގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި ނޭޕާލަށް ފޮނުވާލެވޭނެ ކަމަށާއި މިމައްސަލަ ތަހުގީގު ކުރަމުންދާތީ، އިތުރު ތަފްސީލެއް އަދި ދެވެން ނެތް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ނޭޕާލް އަންހެނެއް މަރުވެފައިވާ ކަމުގެ މައުލޫމާތު މިއަދު ފުލުހުން ހާމަ ކޮށްފައިވާއިރު، މިކަމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި އެކި ކަހަލަ ވާހަކަތައް ފެތުރެމުން އެބަ ދެއެވެ.



އެގޮތުން ބައެއްގެ ޗެޓްލޮގް ތަކެއް ވެސް އާންމެވެފައިވާއިރު، އެއަންހެން މީހާއަށް އަނިޔާ ކޮށްފައިވާ ކަމަށާއި ހަށިގަނޑުގެ އެކި ތަންތަން ނޫފައިގެންފައިވާ ކަމަށް ވެސް ވާހަކަ ފެތުރެމުން ދެއެވެ.

އެއަންހެން މީހާގެ ހަށިގަނޑު މިވަގުތު ބާއްވާފައި އޮތީ ގަލޮޅު ސަހަރާގެ މޯޗަރީގައެވެ.
މިއަދު އޮންލައިން