ހޯދަން ބޭނުންވި ވޯޓުގެ އަދަދު ހަމަވެއްޖެކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙު (އިބޫ)ގެ ތަރުޖަމާނު ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މާރިޔާ ވިދާޅުވީ ކޯލިޝަނުން އަމާޒުކުރީ 170،000 ވޯޓަށް ކަމަށާއި އެއެދަދަށް އިބޫއަށް ލިބިވަޑައިގަންނަވާނެކަން މިހާރު ޔަޤީން ކުރެއްވިފައިވާ ކަމަށެވެ. އެހެންކަމުން ރިޔާސީ އިންތިޚާބު އިދިކޮޅު ކެންޑިޑޭޓ އިބޫއަށް ﷲ އިރާދަފުޅާއިއެކު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވެވޭނެ ކަމަށް އެއްވެސް ޝައްކެއް ނެތި ޔަޤީން ކުރެއްވޭ ކަމަށެވެ.
"އަދިވެސް ދަނީ އިތުރު ވޯޓުތައް ލިބޭނެކަން ކަށަވަރުކުރެވެމުން. ބޮޑުތަނުން ތާއީދު އިތުރުވަމުން. އެހެންވީމާ އިރރާދަފުޅުކުރެއްވިއްޔާ އިންތިޚާބުގެ ނަތީޖާ މިހާރުވެސް މިވަނީ ޔަޤީން ކުރެވިފަ."
މާރިޔާ ވިދާޅުވީ މީގެ ކުރީގެ އިންތިޚާބުތައްވެސް ކާމިޔާބުކޮށްފައިވަނީ ގުޅިފައިވާ ޕާޓީތަކުން ނުކުމެ މަސައްކަތްކޮށްގެންކަން އެނގެން އޮތުމުން މިކަން އިތުރަށް ޔަޤީން ކުރެއްވޭ ކަމަށެވެ.
މާރިޔާ ވިދާޅުވީ ރައްޔިތުންގެ މެދުގައި ދެކެވޭ ވާހަކަތަކަށް ބެލި ނަމަވެސް ވޯޓުން އިންތިޚާބު ކާމިޔާބު ކުރައްވާނީ އިބޫކަން އެންމެންވެސް ޤަބޫލުކުރާ ކަމަށެވެ. ރައީސް ޔާމީނުގެ ސަޕޯޓަރުންވެސް އެކަން ޤަބޫލުކުރާ ކަމަށެވެ. "ދެން މިބުނަނީ ކޮންމެވެސް ގޮތަކުން ރައީސް ޔާމީނޭ ހުވާ ކުރައްވާނީ. އެއީ ހަމަ އެއްގޮތަކަށްވެސް ޤަބޫލުކުރެވޭ ކަމެއް ނޫން. މާޔޫސްކުރުވަން ދައްކާ ވާހަކައެއީ. އެ ވާހަކަތަކަށް އެއްވެސް މީހަކު ކަންބޯދުވާނެކަމެއް ނެތް. ހުވާ ކުރައްވާނީ ރައްޔިތުން ވޯޓުން ހޮވާ ރައީސް." ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.