ވޯޓުލާ ދުވަހު ހަމަނުޖެހުން ހިންގާނީ ބަލިވާނެކަން އެނގޭ ބައަކު: މާރިޔާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ވޯޓުލާ ދުވަހު ހަމަނުޖެހުން ހިންގާނީ ބަލިވާނެކަން އެނގޭ ބައަކު: މާރިޔާ
ވޯޓުލާ ދުވަހު ހަމަނުޖެހުން ހިންގާނީ ބަލިވާނެކަން އެނގޭ ބައަކު ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ދިދާޅުވެއްޖެއެވެ.

"ހަމަނުޖެހުމެއް ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާނަމަ އެކަންކަން އެވަހަށް ހާމަކުރައްވާ. ހާމަ ނުކުރައްވައި ތިއްބެވުމަށްފަހު އެންމެ ފަހު ވަގުތު ކަންތައްތަކެއް ހާމަކުރައްވައި ފިޔަވަޅުތަކެއް އަޅައިފިނަމަ ޤަބޫލުކުރަން ރައްޔިތުންނަށް އުނދަގޫވާނެ."

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މާރިޔާ މިއަދު ވިދާޅުވީ ފުލުހުންނާއި ސިފައިން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އަޅަމުން ގެންދާނަމަ އެއްވެސް ހަމަނުޖެހުމަކަށް ފުރުޞަތު ނުލިބޭނެ ކަމަށެވެ. އެހެންކަމުން ސަލާމަތީ ޚިދުމަތްތަކުން ވަކިފަރާތަކަށް ބުރަނުވެ ޤަނޫނީ ޒިންމާ އަދާކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މާރިޔާ ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ކޯލިޝަނަށް މިހާރު ވަރަށް ބޮޑަށް ޔަޤީންކުރެވޭ ކަމަށާއި ރައްޔިތުންގެ ވަރަށް ބޮޑު އަޣުލަބިއްޔަތެއްގެ މީހުން ތިބީ ކޯލިޝަނާއިއެކުގައި ކަމަށެވެ. އެހެންކަމުން ކޯލިޝަނަށް ނިޞްބަތްވާ ހަމަ އެކަކުވެސް އިންތިޚާބު އޮންނަ ދުވަހު އެއްވެސް ހަމަނުޖެހުމެއް ނުހިންގާނެ ކަމަށެވެ.

މާރިޔާ މިއަދުވެސް އެންމެ ބޮޑަށް ކަންބޮޑުވުން ފައުޅު ކުރެއްވެވި އެއްކަމަކީ ވޯޓުލާދުވަހު ހަމަނުޖެހުން ހިންގަން އުޅޭ ކަމުގެ ވާހަކަތައް ފުލުހުންދައްކައި އެކަމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދެމުންދާއިރު ވެސް އެއިން އެއްވެސް ކަމެއްގެ މައުލޫމާތު ފުލުހުން ހާމަ ނުކުރާ ކަމާއިމެދުގައެވެ.
މިއަދު އޮންލައިން