އެމްއެމްޕީއާރުސީގެ ކޮރަޕްޝަން މައްސަލައިގެ މައުލޫމާތު ހޯދުމަށް ބަންޑާރަ ނައިބުގެ ގާނޫނީ ލަފައާއެކު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި އެދުމުންވެސް އެއްބާރުލުން ނުދިންކަމަށް ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ނިޔާޒް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައުލޫމާތު މީރާ އިން ނުދިނުމުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނާ ބައްދަލުކޮށް. ގާނޫނީ ގޮތުން އެކަން އޮތް ގޮތް ތަފުސީލްކޮށް ކިޔައިދިނިންކަމަށާއި އެހެން ނަމަވެސް އެއްބާރުލުން ދޭން ބޭނުމެއް ނުވިކަމަށެވެ.
ނިޔާޒް ވިދާޅުވީ އެމްއެމްޕީއާރުސީގެ އޮޑިޓަށް ބޭނުންވާ މައުލޫމާތު މީރާ އިން ފޯރުކޮށް ނުދިނުމުން އެކަމާ ގުޅިގެން ބަންޑާރަ ނައިބުގެ ގާނޫނީ ލަފައެއް ހޯދައިގެން މީރާ އަށް ފޮނުއްވި ކަމަށެވެ. އަދި އެ ލަފާގައި އޮތީ އޮޑިޓާ ޖެނެރަލް އެދޭ މައުލޫމާތު ދޭން ޖެހޭނެ ކަމަށާއި އެ މައުލޫމާތުތަކަށް އެކްސެސް ވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން ނަމަވެސް އިންލެންޑް ރެވެނިއު އޮތޯރިޓީން އެކަމަށް އެއްބާރުލުން ދީފައެއް ނުވޭ. އޮޑިޓާ ޖެނެރަލަށް އެ މަސްއޫލިއްޔަތު އަދާކުރެވޭނީ ދައުލަތުގެ އެހެން މުއައްސަސާތަކުގައި ހުންނަ މައުލޫމާތު ލިބިގެން. މި ދެންނެވި އޮޑިޓްގެ މަސައްކަތް ކުރިޔަށް ދިޔަ އިރު، މުއައްސަސާތަކުން ވަރަށް ބޮޑެތި ދަތިތައް ދިމާވި އެ އޮޑިޓްގެ މަސައްކަތް ނިންމަން،" ނިޔާޒް ވިދާޅުވި އެވެ.
މައްސަލަ އޮޑިޓް ކުރަމުން ދިޔަ އިރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ވެސް މަޝްވަރާ ކުރަމުން ދިޔަ ކަމަށް ނިޔާޒް ވިދާޅުވިއެވެ. އަދި އޮޑިޓަ ޖެނެރަލްގެ އޮފީހުން އޭސީސީގެ މެމްބަރުންނާ ބައްދަލުކޮށް މަޝްވަރާ ކުރުމުން، އެ މައުލޫމާތު އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާ ގުޅައިގެން ސީދާ ހިއްސާ ކުރަމުން ދިޔަކަން ފަހުން އެނގިވަޑައިގެންނެވި ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.
ނިޔާޒް ވިދާޅުވީ އެ މައްސަލައިގެ އޮޑިޓަށް ދިމާވި އެންމެ ބޮޑު ހުރަހަކީ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން އެ އޮޑިޓަށް އެއްބާރުލުން ނުދިނުން ކަމަށެވެ.