ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އިންސާނިއްޔަތު ވަންތަ އަސްލު ސޫރަ ފެނިގެން ދާނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްފަހުގައި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އައްޑޫސިޓީގެ ހުޅުމީދޫ އަށް މިއަދު ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ޕޯޑިއަމްތަކަށް އަރައި ގަދަފަދަކޮށް ވާހަކަފުޅު ދައްކަވާތީ، ރައީސް ޔާމީންގެ އިންސާނީ އަސްލު ސޫރަ ދެއްކެވުމަށް ބައެއް މީހުން ބުނަމުން އަންނަ ކަމަށާއި އެމަނިކުފާނުގެ އަސްލު ސޫރައަކީ ދިވެހި ރައްޔިތުން ގޮވައިގެން އަމާންކަމާއި ތަރައްޤީއަށް ދަތުރުކުރާ ރައީސްއަށް ވުން ކަމަށެވެ.
އެ ސޫރައާއި އިންސާނީ ކުލުނު އަންނަނީ، ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުންގެ ވަލިއުލްއަމްރެއްގެ ހައިސިއްޔަތުން އެކަންކަން ފުއްދައި ދެވުމުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
"އަޅުގަނޑުގެ އަސްލު ސޫރައަކީ އަޅުގަނޑު މިކުރާ މަސައްކަތްކޮށް ރައްޔިތުން އެދިވަޑައި ގަންނަވާ ގޮތަށް އިރާދަކުރެއްވިއްޔާ މި 23 ވަނަ ދުވަހު ނަގައި ވޯޓު ކާމިޔާބު ކޮށްފައި ނޫނީ އަޅުގަނޑުގެއަސްލު ސޫރަ ރައްޔިތުންނަށް ނުފެއްނާނެ" ރައީސް ވިދާޅުވިއެވެ.