ކޯލިޝަނުގެ ސަރުކާރުގައި ރައްޔިތުންނަށް އިތުރު ތަކުލީފެއް ނުޖައްސައި ދައުލަތަށް ލިބޭ އާމްދަނީ އަހަރަކު 30 ބިލިއަން ރުފިޔާއަށް އިތުރުކޮށް ރައްޔިތުންގެ ބޭނުންތައް ފުއްދަވައި ދެއްވާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
އިބޫ މިކަން ހާމަކުރެއްވީ ކޯލިޝަނުން މިރޭ އދ މާމިގިލީގައި ބޭއްވި ޖަލްސާގައެވެ. މިރޭގެ ޖަލްސާގައި އިބޫ ވަނީ ކޯލިޝަން ސަރުކާރުގެ މެނިފެސްޓޯގެ ތެރެއިން ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅުންހުރި ބައެއްކަންކަން ވަނީ ހާމަކުރައްވައިފައެވެ.
އިބޫ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް އެތައް ގުނައަކަށް ފުޅައު ކުރައްވަވާނެ ކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތުން އެކަނިވެސް އިތުރު 60،000 ވަޒީފާ ދިވެހިންނަށް ހޯއްދަވައި ދެއްވާނެ ކަމަށެވެ. އަދި އިންވެސްޓަރުންނާއިއެކު ވެފައިވާ އެއްބަސްވުމުގައި އޮތް އަދަދަށްވުރެ އިތުރަށް ދިވެހިން ވަޒީފާގައި ގެންގުޅޭ ކުންފުނިތަކަށް ޓެކްސް ދެއްކުމުގައި އިނާޔަތްތައް ދެއްވަވާނެ ކަމަށެވެ.
އިބޫ ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތް ތަރައްޤީ ކުރައްވާނީ އެކަމުގެ ސަބަބުން ސިނާއަތަށް ކުރިއެރުން ލިބި މާކެޓަށް ކުރިއެރުން ލިބޭނެ ގޮތްތަކަށް ބައްލަވައިގެން ފިޔަވަހިތަކަކަށް ބައްސަވާލައްވައިގެން ކަމަށެވެ.
އިބޫ ވަނީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ރާއްޖޭގެ ތަރައްޤީއަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކާއި އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތައް ފާހަގަ ކުރައްވައި ތައުރީފް ކުރައްވައިފައެވެ.
އިބޫ ވިދާޅުވީ އިބޫ ސިޔާސީ މައިދާނަށް ނުކުންނެވިއިރުވެސް ޤާސިމް އިބްރާހީމް ގެންދެވީ ރާއްޖޭގެ ތަރައްޤީއަށް ޚިދުމަތް ކުރައްވަމުން ކަމަށެވެ. އަދި ޤައުމުގެ ތަރައްޤީއަށް ބޭނުންވާނެ ހުރިހާ ދާއިރާތަކުން ޤާސިމް އިބްރާހީމް ވަނީ ޤައުމަށް ޚިދުމަތްކުރައްވާފައި ކަމަށެވެ. އަދި މިއަދުވެސް އެމަނިކުފާނު އެގެންދަވަނީ އަމިއްލަފުޅު ނަފުސާއި އެމަނިކުފާނުގެ މިލްކިއްޔާތުން ޤްރްބާންވެވަޑައިގަންނަވަމުން ކަމަށެވެ.