ހުޅުދޫ އާ މީދޫގެ ނުވަތަ ހުޅުމީދޫގެ ރައްޔިތުން ސަރުކާރަށް ދައްކަންޖެހޭ ފީތައް ދައްކަން ހިތަދުއަށް ދާންޖެހޭކަން ރައީސް ޔާމީނަށް އެނގިވަޑައިގަތުމުން އެކަން ބަދަލުކޮށްދެއްވަން ނިންމަވައިފި އެވެ.
ރައީސް ޔާމީން އެކަން ހާމަކުރެއްވެވީ މިއަދު ހަވީރު އެރަށުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ދެ ރަށުގެ ރައްޔިތުން ސަރުކާރަށް ދައްކަންޖެހޭ ފީތައް ދައްކަން ވެރިކަން ކުރާ ރަށް، ހިތަދުއަށް ދާންޖެހޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފި ކަމަށާއި އެއީ ޤާނޫނުގެ ތެރެއިން ބަދަލުކުރެވިދާނެ ކަމެއް ކަމަށެވެ.
މިކަމުގެ ކަންބޮޑުވުން 2013 ވަނަ އަހަރުގެ ރިޔާސީ ކެންޕޭނުގެތެރޭގަ އާއި އެއިގެ ފަހުން ވެސް އެރަށުގައި ބޭއްވި ތަފާތު ރަސްމިއްޔާތުތަކާއި ގުޅިގެން އެ ދެ ރަށުގެ ރައްޔިތުން ވަނީ ފައުޅުކޮށްފައެވެ. އަދި އެކަން ހަމަޖައްސައިދިނުން އެދި ސަރުކާރުގެ އެކި ފެންވަރުގެ ބޭފުޅުންނަށާއި ދާއިރާގެ މެންބަރަށް އައީ އާދޭސްކޮށް ސަލާންޖަހަމުންނެވެ.