ވެނުމަސް ވެނަށް ކާންދީފަ ޝުކުރުވެރިވާން ބުނި ނަމަވެސް ޝުކުރުވެރިވާކަށް ނުޖެހޭނެ: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ވެނުމަސް ވެނަށް ކާންދީފަ ޝުކުރުވެރިވާން ބުނި ނަމަވެސް ޝުކުރުވެރިވާކަށް ނުޖެހޭނެ: ޤާސިމް
ވެނުމަސް ވެނަށް ކާންދިނުމަށްފަހު ޝުކުރުވެރިވާން ބުނި ނަމަވެސް ޝުކުރުވެރިވާކަށް ނުޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މާމިގިލި ރައްޔިތުންނާއި މުޚާޠަބް ކުރައްވައި މިރޭ ޤާސިމް އިބްރާހީމް ވިދާޅުވީ ރައްޔިތުންގެ ފައިސާއިން ބޮޑެތި އަދަދުތަކުން މުސާރަ ނަގައިގެން ހުންނަ މީހަކު ރައްޔިތުންނަށް ކޮށްދޭން ޤާނޫނުގައި ލާޒިމުކުރާ ކަންކަން ކޮށްދިނުމަކީ އެމީހެއްގެ މަސްއޫލިއްޔަތެއް ކަމަށެވެ. އެއީ އެމީހާގެ ހެޔޮފުޅުކަމުން ރައްޔިތުންނަށް ކޮށްދޭ ކަންކަން ނޫން ކަމަށެވެ.

ޤާސިމް އިބްރާހީމް ވާނީ މީހެއްގެ ޚިދުމަތެއް ބަލައިގަނެ ޝުކުރުވެރިވާން ރައްޔިތުންނަށް ޖެހޭނީ ރައްޔިތުންގެ ފައިސާއިން މުސާރަ ނުނަގައި ހުންނަ މީހަކު ރައްޔިތުންނަށްޓަކައި ހިލޭ ސާބަހަށް ކޮށްދޭ ކަންކަމަށް ކަމަށެވެ. އެމީހެއްގެ އަމިއްލަ ފައިސާއިން ރައްޔިތުންނަށް ހޭދަކޮށްފި ނަމަ ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަކީ އަދި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ޤައުމުގެ ކަންކަން ތަރައްޤީކޮށް ކުރިއެރުވުމަކީ އެއިރަކު ވެރިކަމުގައި ހުންނަ މީހެއްގެ މައްޗަށް ކުރަން ޤާނޫނު އަސާސީން ލާޒިމުކުރާ ކަންކަން ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުން މަޝްރޫއުތައް ހިންގަނީވެސް ޤާނޫނުގައިވާ ގޮތަށް ނޫން ކަމަށެވެ. "ޤާނޫނުގައި އޮންނާނީ މަޝްރޫއުތަކަށް ހިނގާ ޚަރަދުގެ ފުރިހަމަ ތަފްޞީލުތައް ދީގެން، އެކަންކަން މަޖިލީހުން ފާސްކޮށްގެން ކުރަން. ނަމަވެސް ޤަނޫނު އަސާސީއަށް ބަދަލު ގެނެސް އެކަންކަން ވެސް މިހާރު އެވަނީ ބަދަލުކޮށް ހުރިހާ ބާރުތަކެއް އަމިއްލަ މުށުތެރެއަށް ލާފައި."

ޤާސިމް އިބްރާހީމް ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރުއުވެސް ހިންގަނީ 2 ގުނަ ބޮޑު އަގުގައި ކަމަށެވެ. "އެ މަޝްރޫއަށް ގިނަވެގެން ޚަރަދުވާނީ 700 ވަރަކަށް މިލިއަން ޑޮލަރު. ނަމަވެސް 1.4- 1.2 ބިލިއަން ޑޮލަރަށް މަޝރުއު ކުރިއަށް ގެންދަނީ. 25 ބުރީގެ ހޮސްޕިޓަލަށް ބޭނުންވާ ތަކެތި، ދުނިޔޭގެ އެންމެ ރަނގަޅު ފެންވަރުގައި އުފައްދާ ޖަރުމަނުން ގެންދިއަ ނަމަވެސް ޚަރަދުވާނީ އެންމެ 30 ވަރަކަށް މިލިއަން ޑޮލަރު. ނަމަވެސް 70 މިލިއަން ޑޮލަރު ޚަރަދުކުރާ ވާހަކަ މިއަޑުއިވެނީ."

ޤާސިމް އިބްރާހީމް ވިދާޅުވީ މިފަދަ ގިނަ ސަބަބުތަކެއް ހުރުމުންނާއި މިސަރުކާރުގެ އަނިޔާވެރިކަމާއި ޚުދުމުޚުތާރުކަމާއި ވައްކަމާއި ކޮރަޕްޝަނާއި އެނޫންވެސް ޤާނޫނާއި ޚިލާފަށް ކުރާ ކަންކަމުގެ ސަބަބުން ރައްޔިތުންނަށް ލިބިފައިވާ ގެއްލުމާއި އަނިޔާއަށް ބަލައިފިނަމަ ރައީސް ޔާމީނަށް ހަމަ އެންމެ ރައްޔިތަކުވެސް ވޯޓުދޭންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ކާޅު ހާލި ހެދީމާ ކޮވެލި އައިސް، ކާޅު ހެދި ހާއްޔަށް ބިސް އެޅި ނަމަވެސް އެ ހާއްޔަކީ ކޮވެލި ހެދި ހާއްޔަކަށް ނުވާނެ ކަމަށާއި ހާލި ވާނީ ކާޅު ހެދި ހާއްޔަކަށް ކަމަށް ވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

ޤާސިމް އިބްރާހީމްގެ ވާހަކަފުޅު:

މިއަދު އޮންލައިން