ދެ ފަހަރު މަތިން ކުޑަ ކުއްޖަކު މަގުމަތިން ފެނިގެން ފުލުހުންނާއި ހަވާލު ކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ދެ ފަހަރު މަތިން ކުޑަ ކުއްޖަކު މަގުމަތިން ފެނިގެން ފުލުހުންނާއި ހަވާލު ކޮށްފި
މާލޭ މަގުމަތީގައި އެކަނިމާ އެކަނި ހިނގާފައި ދަނިކޮށް މިއަދު ހެނދުނު ފެނުނު ކުޑަ ފިރިހެން ކުއްޖަކު، ފުލުހުންގެ އެހީތެރިކަމާއެކު ކުއްޖާގެ އާއިލާއާއި ހަވާލު ކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި މާފަންނުކޮޅުން އެކަނިމާއެކަނި ހިނގާފައި ދަނިކޮށް ފެނިފަައިވަނީ އުމުރުން ދެ އަހަރުގެ ކުޑަ ކުއްޖެކެވެ. މިއީ އެފަދައިން އެކުއްޖާ ގެއްލިގެން ހަވާލު ކުރި ދެވަނަ ފަހަރެވެ.

އެކުޑަ ކުއްޖާ އެކަނި ދަނިކޮށް ފެނިފައިވަނީ މިއަދު ހެނދުނު 8:30 ހާއިރު، މާފަންނު މުރަނގަ މަގުންނެވެ. އެކުއްޖާ ފެނުން އިރު އޭނާ ލާފައި ހުރީ ހުދު ޓީޝާޓަކާއި ދަނބު ކުލައިގެ ދިގު ސޯޓެކެވެ. އެކުއްޖާ އެވަގުތު އަރައިގެން ހުރީ އަންހެނުން އަރާ ކަހަލަ ފައިވާނަކަށެވެ.

މަންޒަރު ދުށް މީހަކު މައުލޫމާތު ދީފައިވާ ގޮތުގައި އެކުއްޖާ ފެނިގެން ސުވާލު ކުރުމުން އެއްވެސް އެއްޗެއް ނޭނގުމުން އެއީ ގެއްލިގެން އުޅޭ ކުއްޖެއްކަން ޔަގީންވި ކަމަށާއި އެހެންކަމުން އެކުއްޖާ ފުލުހުންނާއި ހަވާލުކުރި ކަމަށެވެ.

ފުލުހުންގެ އެހީތެރިކަމާއެކު މިއަދު ހެނދުނު އެކުއްޖާ އާއިލާއާއި ހަވާލުކޮށްފައިވީ ނަމަވެސް އެނގިފައިވާ ގޮތުގައި އެކުއްޖާއަކީ ދެ ކުދިން ތިބޭ އާއިލާއެއްގެ ހަގު ކުއްޖާއެވެ. އެކުދިންގެ މަންމައާއެކު އެކުއްޖާ އުޅެނީ ރާނބާ ރެސްޓޯރަންޓު ކައިރީގައި ހުރި ގެއެއްގައެވެ.


އެކުއްޖާ ގެއްލިގެން އުޅޭ ޚަބަރު މިއަދު ސޯޝަލް މީޑިއާގައި ވެސް އާންމުވެފައިވާއިރު، ޝަފީގު ކިޔާ މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ވެސް އެކުޑަ ކުއްޖާ މާފަންނު ފަލާހު ސްކޫލް ކައިރިން އެކަނި ހުއްޓާ ފެނިގެން ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓާއި ހަވާލު ކުރި ކަމަށާއި އެތަނަށް އެކުއްޖާ ގެންދެވުންތާ ތިން ގަޑިއިރު ފަހުން އާއިލާއިން އެކުއްޖާ ގެއްލިގެން ހޯދަން އެތަނަށް ދިޔަ ކަމަށެވެ.

މިމައްސަލަ ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން ސީރިއަސް މައްސަލައެއް ގޮތުގައި ބަލައި ދިނުމަށް ގިނަބަޔަކު އެދިފައިވެއެވެ.

މިއަދު އޮންލައިން