ރައީސް ޢަބްދުﷲ ޔާމީން ރާއްޖޭގެ ވެރިކަމުގައި ހުންނެވުމާއި ނެތުމަކީ ރާއްޖޭގައި އިސްލާމް ދީން ދެމިއޮތުމާއި އެއްވެސް ގުޅުމެއް ހުރިކަމެއް ނޫންކަމަށް ރާއްޖޭގައި އިސްލާމް ދީން މަތިވެރިކުރެއްވުމަށް އަގުހުރި ޚިދުމަތަތަކެއް ކުރައްވަވާފައިވާ ހުސައިން ރަޝީދު އަޙްމަދު ވިދާޅުވެއްޖެއެވެ.
ޙުސައިން ރަޝީދު ވިދާޅުވީ އިސްލާމް ދީނުގެ ދުސްތޫރު ކަމުގައި ކީރިތި ޤްރްއާން ބާވައިލެއްވެވުނީ ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) އަށް ކަމަށެވެ. ކީރިތި ޤްރްއާނާއި އިސްލާމް ދީން މީސްތަކުންނަށް އުނގަންނަވައި ދެއްވެވީ އިތުރު މާތް ނަބިއްޔާ (ﷺ) ކަމަށެވެ. "މީގެ 1400 އަހަރު ކުރިން ރަސޫލާ (ﷺ) ވަނީ މިދުނިޔެ ދޫކުރައްވަވާފަ. އިސްލާމް ދީން އަދިވެސް އެބައޮތް. ދުނިޔެ އޮތްހައި ދުވަހަކު އިސްލާމް ދީން އޮންނާނެ."
ޙުސައިން ރަޝީދު ވިދާޅުވީ އިސްލާމް ދީނަކީ ﷲ ތަޢާލާ ބާވައިލެއްވެވި ދީން ކަމަށާއި އިސްލާމް ދީން ﷲ ތަޢާލާ ޙިމާޔަތް ކުރައްވަވާނެ ކަމަށެވެ. އެއީ ވަކި މީހަކު ރާއްޖޭގެ ވެރިކަމުގައި ހުރުމާއި އަދި ނެތުމާއި ވެސް ގުޅިފައިވާ ކަމެއް ނޫން ކަމަށެވެ. ދުނިޔެ ދެމިއޮތްހައި ދުވަހަކު އިސްލާމް ދީން ޙިމާޔަތް ކުރައްވަވާނެކަމަށް ﷲ ތަޢާލާ ވަނީ ވަޙީ ކުރައްވަވާފައި ކަމަށެވެ.