ވެރިއަކަށް ހުންނަ މީހަކު ހެޔޮފުޅުކަމުން ކަމެއް ކޮށްދިނުމަކީ އަމިއްލަ ފައިސާއިން ރައްޔިތަކަށް އެހީތެރިވުން: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 17ސ
ވެރިއަކަށް ހުންނަ މީހަކު ހެޔޮފުޅުކަމުން ކަމެއް ކޮށްދިނުމަކީ އަމިއްލަ ފައިސާއިން ރައްޔިތަކަށް އެހީތެރިވުން: ޤާސިމް
ވެރިއަކަށް ހުންނަ މީހަކު ހެޔޮފުޅުކަމުން ކަމެއް ކޮށްދިނުމަކީ އަމިއްލަ ފައިސާއިން ރައްޔިތަކަށް އެހީތެރިވުން ކަމަށާއި އިންތިހާއަށް ބޮޑު، ދައުލަތުގެ ބަޖެޓާއި ނުބައްދަލު ބޮޑު މުސާރައާއި އިނާޔަތްތައް ރައްޔިތުންގެ ފައިސާއިން ބޭނުންކުރަމުން އަދާކުރަނީ ވަޒީފާ ކަމަށް ޖޭޕީގެ ބާނީ ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ރައްޔިތުންގެ ފައިސާއިން ބޮޑެތި އަދަދުތަކުން މުސާރަ ނަގައިގެން ހުންނަ މީހަކު ރައްޔިތުންނަށް ކޮށްދޭން ޤާނޫނުގައި ލާޒިމުކުރާ ކަންކަން ކޮށްދިނުމަކީ އެމީހެއްގެ މަސްއޫލިއްޔަތެއް ކަމަށެވެ. "ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ކުރައްވާ ހުވާގައި އޮންނާނެ ތެދުވެރިކަމާއިއެކު ރައްޔިތުންނަށް ޚިދުމަތްކޮށްދޭން. އިސްލާމް ދީން ހިމާޔަތްކޮށް ނަގަހައްޓަން. ރައްޔިތުންގެ ޙައްޤުތަކަށް އަމާނާތްތެރިވާން. ރައްޔިތުންގެ އަސަސީ ބޭނުންތައް ފުއްދައިދީ ކުރިއެރުން ހޯދައިދޭން."

"ދައުލަތުގެ ބަޖެޓާ ނުބައްދަލު ބޮޑު ޚަރަދުކުރަން އެބަޖެހޭ ވެރިކަމުގައި ހުންނަ މީހެއްގެ އަމިއްލަ ބޭނުންތަކަށް. އެމީހެއްގެ ޢާއިލާއަށް. ކެއިން ބުއިމާއި ދަތުރުފަތުރުކުރުމާއި ބޭސް ފަރުވާއަށް އިންތިހާއަށް ޚަރަދުކުރަން އެބަޖެހޭ. ސެކިޔުރިޓީ ބަލަހައްޓަންވެސް އެހައިމެ ބޮޑު ޚަރަދުކުރަންޖެހޭ. އެވަރުންވެސް ޝުކުރުވެރިވާން ރައްޔިތުންނަށް ޖެހޭނަމަ އެއީދެން ކިހައި ބޮޑު އަރަތެއްތޯ؟"

ރައްޔިތުންގެ ފައިސާއިން އިންތިހާއަށް ބޮޑު މުސާރަ އާއި އިނާޔަތްތައް ނަގައިގެން ތެދުވެރިކަމާއިއެކު ރައްޔިތުންނަށް ޚިދުމަތްދޭން އަމިއްލައަށް ހަވާލުވެ، ﷲ ގަންދީ ހުވާކޮށްގެން ތިބޭ ބައަކު ރައްޔިތުންގެ ފައިސާއިން ރައްޔިތުންނަށް ކަމެއް ކޮށްދިނީމާ އެބައަކަށް ޝުކުރުވެރިވާން ރައްޔިތުންނަށް ނުޖެހޭނެ ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ރައީސް ޔާމީނަށް ރައްޔިތުން ޝުކުރުވެރިވެ ވޯޓުދޭންޖެހޭނީ އަދި އެކަމަށް އެދެން ޖެހޭނީވެސް ރައީސް ޔާމީނުގެ އަމިއްލަފުޅު ފައިސާއިން ރައްޔިތުންނަށް އެންމެ ޚިދުމަތެއް ނަމަވެސް ކޮށްދެއްވާފައިވާނަމަ ކަމަށެވެ.

"ބައްލަވަ އާސަންދައިގެ ގޮތުގައި ރައްޔިތުންނަށް ދެނީ ހަމަ ރައްޔިތުންގެ ފައިސާއޭ. ރައްޔިތުން އަތުން ނަގާ ޓެކްސް އާ ޤައުމުގެ އެސެޓު ކުއްޔަށްދީގެންނާ ވިއްކައިގެން ދައުލަތަށް ހޯދާ ފައިސާއިންނޭ. އެއީ ވެރިކަމުގައި ތިބޭ ބައެއްގެ އަމިއްލަ އެންމެ ލާރިއެއްވެސް ޚަރަދުކޮށްގެން ފޯރުކޮށްދޭ އެހީތެރިކަމެއް ނޫނޭ. އުމުރުން ދުވަސްވީމާ އިނާޔަތް ދިނުމާ ސަބްސިޑީ ހައްޤު މީހުންނަށް ސަބްސިޑީ ދިނުމަކީ ރާއްޖޭގައި އެކަނި ކުރާ ކަންކަމެއް ނޫނޭ. އެހެން ޤައުމުތަކުގައިވެސް އެކަންކަން ކުރެއޭ. ރައްޔިތުންގެ ފައިސާއިން އެކަންކަން ކޮށްފަ ނުކުމެ އެކަމުގެ އަގުދޭކަށް ނުބުނެއޭ އެހެންޤައުމުތަކުގަވެސް."

ޤާސިމް އިބްރާހީމް ވިދާޅުވީ ޤައުމުގެ ވެރިކަމުން ވަކިވުމަށްފަހު ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްދީފިނަމަ އެކަމަކީ އެބޭފުޅެއްގެ ހެޔޮފުޅުކަމުން ކޮށްދެއްވި ކަމަކަށް ވާނެ ކަމަށެވެ. އަދި ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް އެފަދަ ޚިދުމަތެއް އެންމެ ރައްޔިތަކަށް ނަމަވެސް ކޮށްދެއްވާފައިވާނަމަ އެކަމަކީ ހެޔޮފުޅުކަމުން ކޮށްދެއްވި ކަމަކަށް ވާނެ ކަމަށެވެ.

"ވެރިކަން ލިބުނީމާ ޚިދުމަތް ދިނުމުގެ ނަމުގައި ހިންގާތަން މިފެންނަނީ ބޮޑެތި ފަސާދަ. ކޮންމެ މަޝްރޫއެއްވެސް ހިންގަނީ އަސްލު އަގަށްވުރެ އެތައް ގުނައެއް ބޮޑު އަގުގަ. ސަރުކާރުގެ މަޤާމުތައް ދެނީ ޢާއިލާގެ މީހުންނަށާއި ގާތް އެކުވެރިންނަށް. އެކަންކަމުން ވެސް ނަގަނީ އަމިއްލަ ފައިދާ. ދެން ކޮންކަމަކަށްތޯ ޝުކުރު އަދާކުރަން ރައްޔިތުންނަށް ޖެހިގެން މިއުޅެނީ؟ ނިކަން ވިދާޅުވެ ދެއްވަބަލަ!"

ޤާސިމް އިބްރާހީމް ވިދާޅުވީ ވެރިކަމަށް އައުމުގެ ކުރިން ރައްޔިތުންގެ ކުރިމަތީގައި ހުރެ ތަކުރާރުކޮށް އެތައް ފަހަރަކު ނުނަގަން ބުނި ބޮޑު މުސާރަ، މަޤާމު ލިބުމުން ނަގަން ފަށައި އަދި ބޭނުން ނުކުރަން ބުނި އިނާޔަތްތައް ބޭނުން ކުރަމުން ރައްޔިތުންނަށް ޚިދުމަތެއް ކުރިކަމަށް ބުނަންވެސް ލަދުގަންނަން ޖެހޭނެ ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަކީ އަދި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ޤައުމުގެ ކަންކަން ތަރައްޤީކޮށް ކުރިއެރުވުމަކީ އެއިރަކު ވެރިކަމުގައި ހުންނަ މީހެއްގެ މައްޗަށް ކުރަން ޤާނޫނު އަސާސީން ލާޒިމުކުރާ ކަންކަން ކަމަށެވެ. އެކަންކަން ކުރުމަކީ އެމީހެއްގެ ވަޒީފާ ކަމަށާއި އެ ވަޒީފާ އަދާކުރަނީ ރައްޔިތުންގެ ފައިސާއިން އިންތިހާއަށް ބޮޑު މުސާރަ ނަގައިގެން ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުން މަޝްރޫއުތައް ހިންގަނީވެސް ޤާނޫނުގައިވާ ގޮތަށް ނޫން ކަމަށެވެ. "ޤާނޫނުގައި އޮންނާނީ މަޝްރޫއުތަކަށް ހިނގާ ޚަރަދުގެ ފުރިހަމަ ތަފްޞީލުތައް ދީގެން، އެކަންކަން މަޖިލީހުން ފާސްކޮށްގެން ކުރަން. ނަމަވެސް ޤަނޫނު އަސާސީއަށް ބަދަލު ގެނެސް އެކަންކަން ވެސް މިހާރު އެވަނީ ބަދަލުކޮށް ހުރިހާ ބާރުތަކެއް އަމިއްލަ މުށުތެރެއަށް ލާފައި."

ޤާސިމް އިބްރާހީމް ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރުއުވެސް ހިންގަނީ 2 ގުނަ ބޮޑު އަގުގައި ކަމަށެވެ. "އެ މަޝްރޫއަށް ގިނަވެގެން ޚަރަދުވާނީ 700 ވަރަކަށް މިލިއަން ޑޮލަރު. ނަމަވެސް 1.4- 1.2 ބިލިއަން ޑޮލަރަށް މަޝްރޫއު ކުރިއަށް ގެންދަނީ. 25 ބުރީގެ ހޮސްޕިޓަލަށް ބޭނުންވާ ތަކެތި، ދުނިޔޭގެ އެންމެ ރަނގަޅު ފެންވަރުގައި އުފައްދާ ޖަރުމަނުން ގެންދިއަ ނަމަވެސް ޚަރަދުވާނީ އެންމެ 30 ވަރަކަށް މިލިއަން ޑޮލަރު. ނަމަވެސް 70 މިލިއަން ޑޮލަރު ޚަރަދުކުރާ ވާހަކަ މިއަޑުއިވެނީ." ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.
މިއަދު އޮންލައިން