މިއަހަރުގެ ދެވަނަ ޓަރމަށް ސްކޫލުތައް ހުޅުވޭއިރު ރާއްޖޭގެ ދަރިވަަރުންނަށް ދޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނި "ޓެބްލެޓް" ނުލިބިގެން އުޅެނިކޮށް "ވޯޓުލާ ޓެބްލެޓް" ގެނައުމުން ދަރިވަރުން މިހާރު "ބަލިވާން" ފަށާފައިވާ ކަމަށް ބައެއް ބެލެނިވެރިން އެބަ ބުނެއެވެ.
"ދަރިވަރުންނަށް ދޭނެ ކަމަށް އެބުނި ޓެބްލެޓް އަދިވެސް ނުލިބޭ. އެކަމަކު އެބަ އަޑު އިވޭ ދައުލަތުން ބޮޑު ޚަރަދުކޮށްގެން ވޯޓުލާ ޓެބްލެޓެއް ގެނައިކަމުގެ ވާހަކަ. ދެން ދަރިވަރުން މިހާރު ބަލިވާން ފަށައިފި އެބުނާ ޓެބްލެޓް ނުލިބިގެން. ދެން އެކަމުގެ ފަރުވާއަކަށް ބެލެނިވެރިންނަށް މިހާރު މިޖެހެނީ އެވޯމައިން ފަދަ "ވޮމިޓިންގ" ހުއްޓުވާ ޓެބްލެޓެއް ކައިގެން ތިބެން. އެހެންވެ ވޯޓުލާން ދާނީ "ވޮމިޓިންގ" ހުއްޓުވާ ޓެބްލެޓް ކައިގެން."
މިއަދުނޫހަށް މައުލޫމާތު ދިން ބައެއް ބެލެނިވެރިން ބުނީ އެމީހުންނަކީ މަޖީދިއްޔާ ސްކޫލާއި ތާޖުއްދީން ސްކޫލުގެ ބެލެނިވެރިން ކަމަށާއި އެމީހުންގެ ދަރިންނަށް އަދި ޓެބްލެޓް ނުދޭ ކަމަށެވެ. "ކުޑަ ކުއްޖަކަށް ނަމަވެސް ދޮގު ހަދައިފިނަމަ އެއީ އަޒާބު ލިބޭނެ ފާފައެއް. ވައުދެއް ވެއްޖެނަމަ ނުފުއްދުމަކީ ވެސް ފާފައެއް. ކުޑަކުދިންތަކެއް ޓެބްލެޓް ދޭނަމޭ ކިޔައިގެން ދަހިކުރުވާފަ މިހެން ހަދަންވެދާނެތޯ؟ އެކުދިން ތިބީ ދެވަނަ ޓަރމަށް ހުޅުވޭ އިރަށް ޓެބްލެޓްތައް ލިބޭނެ ކަމުގެ ވަރަށް ފޮނި އުންމީދެއްގަ" ކަމަށްވެސް ބެލެނިވެރިން ބުނެފައިވެއެވެ.