ކޯލިޝަން ގައި ހިމެނޭ ޕާޓީ ތަކުން އެކުލަވާލާ ސަރުކާރުގެ ސިޔާސަތުތައް ހިމެނޭ ފޮތް މިއަދު މޭލޭގައި ބަހަންފަށައިފިއެވެ.
ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ހަފްތާއަކަށް ވެފައިވަަނިކޮށް މި ހަރަކާތް ރަސްމީކޮށް ފައްޓަވައި ދެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ ރައީސް ޔާމިނުގެ ސަރުކާރުގައި އެއްވެސް އާ މަޝްރޫއެއް ފައްޓަވައި އާ ކަމެއް ގައުމަށާއި ރައްޔިތުންނަށް ކޮށްދެއްވާފައި ނުވާ ކަމަށެވެ.
މާރިޔާ ވިދާޅުވީ ފްލެޓުތައް އެޅުމާއި މަގުތައް ހެދުމަކީވެސް އެމްޑީޕީގެ ސަރުކާރުގައި ފަށައި ކޮންޓްރެކްޓު ހަދާފައި ހުރި މަޝްރޫތަކެއް ކަމަށާޢި މާލެއާއި ހުޅުމާލެ ގުޅާލައި އަޅާފައިވާ ބުރިޖަކީވެސް ރައީސް ޔާމިނުގެ ވިސްނުންފުޅެއް ނޫން ކަމަށާއި އެއީވެސް ރައީސް ނަޝީދުގެ ސަރުކާރުގައި ވަޒީރުންގެ މަޖިލީހުގައި އެކުލަވާލެވުނު ކަރުދާހެއް ކަމަށެވެ.
ކޯލިޝަން ގައި ހިމެނޭ ޕާޓީ ތަކުން މިއަދު ފެށި މި ހާއްސަ ކެމްޕޭން ހަރަކާތުގައި އެންމެ ފުރަތަމަ ޒިޔާރަތް ކޮށްފައި ވަނީ މަސްމާރުކޭޓު ސަރަހައްދަށެވެ. އެ ސަރަހައްދުގެ މަސްދޯނި ތަކާއި މަސް ވިއްކަން ތިބި މަސްވެރިންނާއި ބައްދަލުކޮށް ޕާޓީތަކުގެ ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލައިފައިވާ ލީފްލެޓުތައް ވަނީ މަސްވެރިންނަށް ބަހާފަ އެވެ.