ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ކޮށްފައިވާ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން ވެސް، އެމަނިކުފާނު މިނިވަން ކުރުމުގެ ބަދަލުގައި ރިމާންޑް ޖަލަށް ބަދަލު ކޮށްފިއެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރުކަން ވެސް އަދާކޮށްފައިވާ އަބްދުﷲ ރިޔާޒްގެ ފޯނު ހުޅުވައި ނުދިން ކަމަށް ބުނެ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ގާނޫނު ތަންފީޒުކުރާ މުވައްޒިފަކަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ނިންމީ، ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނިކޮށެވެ.
މިއަދުގެ ނިޔަލަށް އެހުކުމް ތަންފީޒުކޮށް ނިމިފައިވާއިރު، އަބްދުﷲ ރިޔާޒު ޖަލުން މިނިވަން ކުރުމުގެ ބަދަލުގައި އެހެން މައްސަލައަކާއި ގުޅުވައި، ރިމާންޑު ޖަލަށް ވަނީ ބަދަލު ކޮށްފައެވެ.
އަބްދުﷲ ރިޔާޒްގެ ގާނޫނީ ވަކީލް ނޫރުއްސަލާމް އަބޫބަކުރު މިކަމާއި ގުޅިގެން ވީނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، ހުކުމެއް ތަންފީޒުކޮށް ނިމުމުން މިނިވަންނުކޮށް ބެހެއްޓުމަކީ އާންމު އުސޫލު ނޫން ކަމަށާއި އާއްމު އުސޫލަކީ މީހަކު މައްސަލައެއްގައި ހުކުމް ތަންފީޒުކޮށް ނިމުމުން މިނިވަން ކުރުން ކަމަށެވެ.
އެހެން މައްސަލައެއްގައި ހައްޔަރު ކުރާނަމަ، އެކަން ކުރާނީ ތަންފީޒުކޮށް ނިމުމު މައްސަލައަށްފަހު ޖަލުން މިނިވަން ކުރުމަށްފަހު ކަމަށް ވެސް ނޫރުއްސަލާމް ވިދާޅުވެފައިވެއެވެ.
އާއްމު އުސޫލާއި ޚިލާފަށް އެހެން މައްސަލައަކާއި ގުޅުވައިގެން އަބްދުﷲ ރިޔާޒް ރިމާންޑަށް ގެންދިޔުމަކީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.