ކޮންމެ ކަމެއްވެސް ޞައްޙަ ވަނީ ޝަރުޠުތަކަކާއިއެކުގައި ކަމަށާއި އެގޮތުން ނަމާދު ޞައްޙަވާ ކަންކަމުގެ ތެރޭގައި ވުޟޫ ކުރުމާއި އަލްޙަމްދު ކިޔުން ކިޔުން ހިމެނޭ ފަދައިން ވެރިކަމެއްވެސް ޞައްޙަވާނީ ރައްޔިތުންނަށް އަމާންކަން ހޯދައި ދެވިގެން ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.
އަމީން މިރޭ ވިދާޅުވީ ޤައުމެއްގެ ރައްޔިތުންނަށް އެންމެ މުހިންމުވާނީ އަމާންކަމާއި އިންޞާފު ލިބިގެން ދިރިއުޅެވޭނެ ގޮތް ހަމަޖައްސައިދިނުން ކަމަށްވާއިރު ރައީސް ޔާމީނުގެ ވެރިކަމުގައި މިކަންކަން ރައްޔިތުންނަށް ކޮށް ނުދެވި ވަރަށް ބޮޑަށް ފެއިލްވެފައިވާ ކަމަށެވެ.
އަމީން ވިދާޅުވީ މުޖުތަމައުގައި އަނިޔާވެރިކަމެއް ކޮންމެ އިރެއްގައި ވެސް ހިނގައިފާނެ ކަމަށާއި ނަމަވެސް ވެރިކަމުގެ ކިބައިން ވަރަށް ބޮޑު މަސްއޫލިއްޔަތެއް އޮންނަ ކަމަށެވެ. އެއީ ކަމެއް ހިނގުމުން އެކަމެއް ބަލައި ތަޙްޤީޤްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ކަމަށެވެ. "ރައީސް ޔާމީނުގެ ވެރިކަމުގައި ކިތައް މީހުންތޯ މަރައިލެވުނީ. ކިތައް މީހުންގެ ގައަށްތޯ ވަޅި ހަރައި ޒަޚަމްކޮށްލީ. ކިތައް މީހުންނަށްތޯ ބޮޑެތި އަނިޔާތައް ކުރެވުނީ؟ މިއިން އެއްވެސް ކަމެއްގެ ތަޙްޤީޤް ފުރިހަމަ ކުރެވިއްޖެތޯ؟ އަނިޔާ ލިބުނު މީހުންނަށް އިންޞާފު ހޯދައިދެވިއްޖެތޯ؟ މަރައިލެވުނު މީހުންގެ ޢާއިލާތަކަށް އިންޞާފު ހޯދައިދެވިއްޖެތޯ؟" އަމީން ވަނީ ސުވާލުކުރައްވައިފައެވެ.
ވޯޓުން އިބޫ ހޮވުނު ނަމަވެސް ވެރިކަމުގައި ހުންނަވާނީ ރައީސް ޔާމީން ކަމަށް ފަތުރަމުން ގެންދާ ވާހަކަތައް އަޑު އަހައި ބަލައި ނުގަތުމަށްވެސް އަމީން އަމީން ވަނީ ގޮވާލައްވައިފައެވެ. އަމީން ވިދާޅުވީ މިއީ 1932 ވަނަ އަހަރު ނޫން ކަމަށާއި މިއީ 2018 ވަނަ އަހަރު ކަމަށެވެ. ޤައުމުގެ ވެރިކަމުގައި ހުންނަވާނީ ރައްޔިތުން ބޭނުންވެގެން ވޯޓުލީ ބޭފުޅަކު ކަމަށެވެ.
އަމީން ވިދާޅުވީ މިއީ ރައްޔިތުން މާޔޫސްކުރަން ދައްކާ ވާހަކަތަކެއް ކަމަށެވެ. އެހެންކަމުން ކުރަންވީ ކަމަކީ 23 ވަނަ ދުވަހު ރައްޔިތުން ވީހައި ހެނދުނަކާއި ނުކުމެ އިބޫއަށް ވޯޓުލުން ކަމަށެވެ.