ދިވެހި ޤައުމީ ފުޓްބޯޅަ ޓީމަކީ އަބަދުވެސް ދިވެހިންގެ ފަޚުރެއް ކަމަށް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އިންޑިއާ އާއި ދެކޮޅަށް ކުޅެ މިއަހަރުގެ ސާފު ސުޒުކީ ކަޕް ޗެމްޗެމްޕިއަންޝިޕް ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމް މިއަދު ކާމިޔާބު ކުރުމުން ޓީމަށް މަރުހަބާ ވިދާޅުވެ ޤާސިމް އިބްރާހީމް ފޮނުއްވި މަރުހަބާގެ މެސެޖުގައި ވިދާޅުވީ ފުޓްބޯޅައަކީ އަބަދުވެސް ދިވެހިންގެ ލެއާއި ގުޅިފައިވާ ކުޅިވަރެއް ކަމަށާއި ފުޓްބޯޅަ އަކީ އަބަދުވެސް ދިވެހިން އެއްބައިވަންތަކަން އިތުރުކޮށްދޭ ކުޅިވަރެއް ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ކުޅިވަރަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓާލައި ކުޅިވަރު، ކުޅިވަރުގެ ރޫހުގައި ކުރިއަރުވަން މަސައްކަތްކުރާނަމަ އިތުރު ބޮޑެތި ކާމިޔާބީތައް އަންނާނީ ޙާޞިލުވަމުން ކަމަށެވެ. އިތުރު ރަންވަނަތައް ލިބި އެކަމުގެ ފައިދާ މުޅި ޤައުމަށް ކުރާނެ ކަމަށެވެ.
ޤާސިމް އިބްރާހީމް އަކީ ވަރަށް ކުރިންސުރެ ފެށިގެން ދިވެހި ކުޅިވަރު ކުރިއަރުވަންވެސް އަމިއްލަފުޅު ފައިސާއިން ވަރަށް ގިނަ ހޭދަތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ކްލަބް ޖަމިއްޔާތަކަށާއި ތަފާތު ކުޅުންތެރިންނަށްވެސް ބޮޑެތި ހޭދަތަކެއް ކުރައްވައި ކުޅިވަރު ކުރިއަރުވަން އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް އެހީތެރިވެދެއްވައިފައެވެ.