އަދުލު އިންޞާފު ރާއްޖެ ދޫކޮށްލައި ފުރައިގެން ގާދޫކޮލުން ބޭރަށް ހިނގައްޖެ ކަމަށާއި ގޭގެއަށް ހިނގައި ސަލާންޖަހައިގެންވެސް އަނބުރާ ރާއްޖެ ގެންނަން މަސައްކަތްކުރަން ޖެހޭ ކަމަށް ނައިފަރު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޤާނޫނީ ދާއިރާގައާއި ރައްޔިތުންގެ މަޖިލީހުގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ނައިފަރަށް ނިޞްބަތްވެވަޑައިގަންނަވާ އަހްމަދު މުޙައްމަދު މިރޭ ވިދާޅުވީ ކޮޓަރިކޮޅުން ފިސްތޯލައެއް ފެނުނު މައްސަލައެއްގައި 11 އަހަރުގެ ޖަލު ޙުކުމް އިއްވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމްގެ މައްސަލައަށް އެކަނި ބެލުމުންވެސް މިކަމުގެ ހެކިތައް ލިބޭ ކަމަށެވެ.
އަޙްމަދު މުޙައްމަދު ވިދާޅުވީ އެ ފިސްތޯލައިން ނާޒިމްގެ އެއްވެސް ނިޝާނެއް ނުފެނުނު ކަމަށާއި ނަމަވެސް އިތުރު 3 މީހެއްގެ ނިޝާން ފެނުމުން ވެސް ނާޒިމް ބަންދުގައި ބަހައްޓާތީ ރާއްޖޭގައި އެއްވެސް ވަރަކަށް އިންޞާފު ނުލިބޭކަން ހާމަވާ ކަމަށެވެ.
އަހްމަދު މުޙައްމަދު ވިދާޅުވީ މިފަދަ ގޮތެއް މެދުވެރިވުމުން އިންޞާފު ހޯދައި ދިނުމަކީ ޤައުމުގެ ވެރިއަކަށް ހުންނަ މީހެއްގެ މަސްއޫލިއްޔަތެއް ކަމަށެވެ. ނަމަވެސް އެ މަސްއޫލިއްޔަތު އެއްވެސް ވަރަކަށް އަދާނުކުރުމުން ވެރިކަން ބަދަލުކުރަންޖެހޭ ކަމަށެވެ.
އަޙްމަދު މުޙައްމަދު ވިދާޅުވީ މިހާލަތުން ރާއްޖެ ސަލާމަތް ކުރުމަށްޓަކައި މިހާރު އޮތް ވެރިކަން ބަދަލުކުރަންޖެހޭ ކަމަށެވެ. އެހެންކަމުން ގޭގެއަށް ގޮސް ސަލާންޖަހައި އާދޭސްކޮށްގެންވެސް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) އަށް ތާއީދު އިތުރުކުރަން ގަދައަޅައި މަސައްކަތްކުރަންޖެހޭ ކަމަށެވެ.