އީސީއިން ކިޔާ ލަވަޔާ ޖަހާ ބެރު އެއްގޮތަކަށް ވެސް ދިމާނުވާތީ ލިޔުމުން ބަޔާންކޮށްދޭން ކޯލިޝަނުން އެދިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
އީސީއިން ކިޔާ ލަވަޔާ ޖަހާ ބެރު އެއްގޮތަކަށް ވެސް ދިމާނުވާތީ ލިޔުމުން ބަޔާންކޮށްދޭން ކޯލިޝަނުން އެދިއްޖެ
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަހަރުގެ ރިޔާސީ އިންތިޚާބަށް ވޯޓުލާ ދުވަހު އަމަލުކުރާނެ ގޮތާއިމެދު ދައްކާ ވާހަކަތަކާއި ދޭ މައުލޫމާތާއި އަމަލުކުރާ ގޮތާއި އެއްގޮތަކަށްވެސް ދިމާނުވާތީ އިންތިޚާބުގެ ކަންކަމާއި ވޯޓު ގުނައި ނަތީޖާ އިއުލާނުކުރުމުގައި އަމަލުކުރާނެ އުުޞޫލުތައް ބަޔާންތަކުގެ ގޮތުގައި ލިޔުމުން ހާމަކުރަން އިދިކޮޅު ކޯލިޝަނުން އެދިއްޖެއެވެ.

ކޯލިޝަނުގެ މަންދޫބުން މިއަދު އިލެކްޝަންސް ކޮމިޝަނާއި ބައްދަލުކުރުމަށްފަހު ބުނެފައިވަނީ އަންނަ އަންގާރަ ދުވަސް ހައިތަނުގައި އެކަންކަން ލިޔުމުން ބަޔާންކުރާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވާ ކަމަށެވެ. އަދި ވައުދުވީ ގޮތަށް އަމަލުކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ކޯލިޝަނުން ބުނީ އިންތިޚާބުގައި ބޮޑު ތަފާތަކުން ކޯލިޝަނުގެ ކެންޑިޑޭޓް، މާތްﷲ ވާގިފުޅާއިއެކު ކާމިޔާބުކުރާނެ ކަމުގެ ޔަޤީންކަން ވަރަށް ބޮޑު ކަމަށްވުމުން އިންތިޚާބާއި ގުޅިގެން އެއްވެސް ހަމަނުޖެހުމެއް ހިންގަން އެއްވެސް ވަރަކަށް ބޭނުން ނުވާ ކަމަށެވެ. އެހެންކަމުން ކަންކަން ވީހާ ބޮޑަށް ދެފުށް ފެންނަ ގޮތަށް ޤާނޫނާއި އެއްގޮތަށް ކުރިއަށް ގެންގޮސްދިނުމަށް އެދޭ ކަމަށެވެ.

ކޯލިޝަނުން ބުނީ ކަންކަން ކުރާނެ ގޮތް ލިޔުމުން ހާމަކޮށް އާންމުކޮށް އެންމެންނަށް އެނގޭނެ ގޮތް ހެދުމުން އުފެދޭނެ މައްސަލަތައް މަދުވާނެ ކަމަށެވެ. އެހެންކަމުން ވޯޓުގެ ކަންކަން ވީހައި އަމާންކޮށް ކުރިއަށް ގެންދިއުމަށްޓަކައި ލިޔުމުން ބަޔާން ކުރުމުގެ ބޭނުންތެރިކަން ވަރަށް ބޮޑު ކަމަށެވެ.
މިއަދު އޮންލައިން