ކޯލިޝަންގެ ކުޅިވަރު ސިޔާސަތު ރޭ ހާމަކޮށްފިއެވެ,
ރޭ ފާދިއްޕޮޅު ނައިފަރުގައި ބޭއްވި ކޯލިޝަންގެ ބޮޑު ޖަލްސާގައި ކުޅިވަރު ސިޔާސަތު ހާމަކޮށްފައިވަނީ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހެވެ.
ކޯލިޝަންގެ ސަރުކާރުގެ ކުޅިވަރު ސިޔާސަތުގައި ވަރަށް ގިނަ ވައުދުތަކެއް ވަނީ ހިމަނާފައެވެ. އެގޮތުން ގައުމީ ހުރިހާ ކުޅިވަރު ކުޅެވޭނެ ބައިނަލްއަގްވާމީ ފެންވަރުގެ ތަންތަން މާލޭގައި ގާއިމްކުރުމާއި، ބައިނަލްއަގްވާމީ ފެންވަރުގެ ދަނޑެއް ތަރައްގީކުރުމާއި، މާލެ ސަރަހައްދުގައި ދެ ސްވިމިން ޕޫލް ތަރައްގީކުރުމާއި، މޫދު ކުޅިވަރުތައް ތަރައްގީކުރުމުގެ ގޮތުން ކުޅިވަރުކުޅޭނެ ވަސީލަތްތައް ގާއިމްކުރުމާއި، ބައިނަލްއަގްވާމީ މޫދު ކުޅިވަރު މުބާރާތެއް ބޭއްވުމާއި، ގައުމީ ފުޓުބޯޅަ ލީގެއް ބޭއްވުމާއި، ގައުމީ ޓީމުގެ ކުޅިވަރު ކުޅުންތެރިންނަށް ފަސޭހައިން ބޭސްފަރުވާ ކުރެވޭނެ ނިޒާމެއް ގާއިމްކުރުމާއި، ގައުމީ ކުޅުންތެރިންނަށް މާލީ އެހީގެ ޕްރޮގްރާމެއް ތައާރަފްކުރުމުގެ އިތުރަށް ކުޅިވަރު އެސޯސިއޭޝަންތައް ވަރުގަދަކޮށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހިމަނާފައިވެއެވެ.
ދިހަ އަހަރަށްފަހު ރާއްޖެއިން ސާފް ސުކުޒީ ކަޕް ހޯދުމުގެ އުފާ ފާޅުކުރައްވަމުން ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ ކުޅިވަރުގައި ދިވެހި ރާއްޖެއަށް ބޮޑު ކާމިޔާބެއް ލިބުނު ވަގުތެއްގައި އިއްތިހާދުގެ ކުޅިވަރު ސިޔާސަތު ހާމަކުރުމުގެ ވަގުތާއި ދިމާވުމަކީ ވަރަށް ބޮޑު އުފަލެއްކަމަށެވެ.