ފައުޒިއްޔާއާއެކު ނުހައްގުން ޖަލަށްލީ ސައިންވެރިޔާއަށް 5 މިލިއަން ރުޕީސް ދޭން އަމުރު ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 41ސ
ފައުޒިއްޔާއާއެކު ނުހައްގުން ޖަލަށްލީ ސައިންވެރިޔާއަށް 5 މިލިއަން ރުޕީސް ދޭން އަމުރު ކޮށްފި
ދިވެހި ފިލްމު އިންޑަސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރި ވެފައިވާ ފައުޒިއްޔާ ހަސަން (އުސްއަކުރު ފައުޒިއްޔާ) އާއި އޭނާގެ އެކުވެރި މަރިޔަމް ރަޝީދާ އާއެކު ޖާސޫސް ކުރި ކަމުގެ ތުހުމަތުގައި ޖަލަށްލި އިންޑިއާގެ ސައިންވެރިޔާއަށް ބަދަލެއްގެ ގޮތުން ފަސް މިލިއަން ރުޕީސް ދޭން އެޤައުމުގެ ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

މުޅި އިންޑިއާ އާއި ރާއްޖޭގެ ވެސް ސަމާލުކަން ލިބުނު 24 އަހަރުވީ އެމައްސަލައިގައި ފައުޒިއްޔާ އާއެކު ހައްޔަރު ކުރީ އިންޑިއާގެ ސްޕޭސް ރިސާރޗް އޮގަނައިޒޭޝަން (އިސްރޯ) ގައި މަސައްކަތް ކުރެއްވި ސައިންސްވެރިއެއް ކަމަށްވާ ނަބްމީ ނަރަޔާނަން ނަމަކަށް ކިޔާ މީހެކެވެ. އޭނާ އަށް ބަދަލު ދޭން އިންޑިއަން ސުޕްރީމް ކޯޓުން ކެރެލާ ސްޓޭޓްގެ މައްޗަށް ހުކުމް ކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.



އެނގިފައިވާ ގޮތުގައި އެ ތިން މީހުންނާއި އިތުރު ދެ ސައިންޓިސްޓަކު ހައްޔަރުކޮށް ޖަލަށްލީ, އިސްރޯގެ ސިއްރުތަކެއް ދެ ދިވެހިިން މެދުވެރިކޮށް ޕާކިސްތާނަށް ފޯރުކޮށްދޭ ކަމުގެ ތުހުތަމުގައި 1994 ވަނަ އަހަރުއެވެ.

އެމީހުންގެ ކުށެއް ނެތްކަން ހާމަވެ ކުރީ ދޮގު ތުހުމަތުތަކެއް ކަމަށް ފެނިގެން ދޫކޮށްލިޔަސް، ބޭއިންސާފުން ޖަލަށް ލުމުން އިންސާފު ހޯދުމަށް ނަބްމީ ކުރެއްވި މަސައްކަތް ހުއްޓައެއް ނުލައެވެ.

މިމައްސަލައިގައި ފައުޒިއްޔާއާއި މަރިޔަމް ރަޝީދާ ދެ އަހަރު ދުވަސް ވަންދެން ޖަލުގައި ބެހެއްޓިއެވެ.

ސައިންސްވެރިޔާ ނަބްމީ އަށް ބަދަލުގެ ގޮތުގައި 10 ލައްކަ ރުޕީސް ދޭން އެޤައުމުުގެ ހިއުމަން ރައިޓްސް ކޮމިޝަނުން 2001 ގައި އެންގި ނަމަވެސް، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އޭނާގެ ނަމާއި އިއްޒަތާއި އަބުރަށް ލިބުނު ގެއްލުމުގެ އިތުރުން ތަޙައްމަލު ކުރައްވަން ޖެހުނު ވޭންތަކުގެ ބަދަލު ހޯއްދެވުމަށާއި ކުށެއް ނެތި އޭނާ ހައްޔަރުކޮށް އޭނާގެ މުސްތަގުބަލް ގެއްލުވާލި ފުލުސް އޮފިސަރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން އަމުރުކޮށް ދިނުމަށް އެދިއެވެ.


މިއަދު އޮންލައިން