ދައުލަތުގެ ބެލުމުގެ ދަށުން ބަލަމުން ދިޔަ ކުދިންގެ ތެރެއިން ހަ ކުއްޖަކު މިއަހަރު ފޮސްޓަރ ނުވަތަ އެހެން ފަރާތްތަކަށް ޤާނޫނީ ބެލެނިވެރިކަން ހަވާލުކޮށްފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.
މިދިޔަ އޮގަސްޓް މަހުގެ 31 ގެ ނިޔަލަށް ފޮސްޓަރ ކުރުމަށް އާއިލާތަކާއި ހަވާލު ކުރެވުނު ކުދިންގެ ތެރޭގައި ހިމެނެނީ ހުޅުމާލޭގައި ގާއިމް ކުރެވިފައިވާ ފިޔަވަތީގެ ހަ ކުދިން ކަމަށާއި އެއީ އުމުރުން 5 މަހާއި 11 އަހަރާއި ދެމެދުގެ ތިން ފިރިހެން ކުދިންނާއި ތިން އަންހެން ކުދިން ކަމުގައި އެމިނިސްޓްރީން ބުނެފައިވެއެވެ.
ޖެންޑަރ މިނިސްޓަރީން މައުލޫމާތު ދީފައިވާ ގޮތުަގައި މިއަދު ފޮސްޓަރ ކުރެވުނު ކުދިންގެ އިތުރުން, މިމުއްދަތުގެ ތެރޭގައި 10 ކުއްޖަކު ވަނީ އެކުދިންގެ އާއިލާތަކާއި ހަވާލު ކޮށްފައެވެ. އެކުދިންގެ ތެރޭގައި ހިމެނެނީ ފިޔަވަތި އަދި ވިލިމާލޭގައި ގާއިމްކުރެވިފައިވާ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ 8 މަހާއި 17 އަހަރާ ދެމެދުގެ ހަ ފިރިހެން ކުދިންނާއި ހަތަރު އަންހެން ކުދިން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.