ރައީސް ޢަބްދުﷲ ޔާމީނުގެ ސިކުނޑިފުޅުގައި އޮތީ އެންމެ ކަމެއް ކަމަށާއި އެނޫން ކަމެއް އެމަނިކުފާނުގެ ސިކުނޑިފުޅުގައި ނުވެސް ނެތް ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ދ. ކުޑަހުވަދޫގައި މިރޭ ކޯލިޝަނުން ބޭއްވި ޖަލްސާގައި އެއީ ކޮންކަމެއް ކަމެއް އިބޫ ވިދާޅެއް ނުވެއެވެ. ނަމަވެސް ޖަލްސާގައި ތިބި މީހުން އެމީހުންގެ ވިސްނުމާއި އެއްގޮތަށް އެއީ ކޮންކަމެއްކަން ވަނީ ބުނެފައެވެ.
އިބޫ މިރޭ ވިދާޅުވީ މެނިފެސްޓޯއެއްގެ ވާހަކަ ދެއްކި ނަމަވެސް މިހިސާބަށް އައިއިރުވެސް އެ މެނިފެސްޓޯގައި އޮތް ކަންކަން އެއްވެސް މީހަކަށް ނުއެނގޭ ކަމަށެވެ. "އެހެންވީމާ އެއްވެސް ރޭވުންތެރިކަމެއް ނެތް. ކޮންމެ ކަމެއް ކުރާއިރަށް ފަހަތުން ކުރަން އުޅެނީ. ބޮޑު ޖަލްސާއެއް ބޭއްވީމާ މިހާރު އުޅެނީ އެއަށްވުރެ ބޮޑު ޖަލްސާއެއް ބާއްވަން."
އިބޫ ވިދާޅުވީ ވެރިކަމުގެ ފުރަތަމަ 2 އަހަރުތެރޭ ދައުލަތުގެ ދަރަނި އަދާކޮށް 3 ވަނަ އަހަރު އަރަނިކުރާނެ ކަމަށް ރައީސް ޔާމީނު ވިދާޅުވި ކަމަށާއި ނަމަވެސް 5 އަހަރު ނިމުނު އިރު ދައުލަތުގެ ދަރަނި ވަނީ 25 ބިލިއަނުން 50 ބިލިއަނަށް އިތުރުވެ 2013 އަށްވުރެ ދެގުނައަށް އިތުރުވެފައި ކަމަށެވެ. ޑޮލަރުގެ އަގު ހެޔޮ ކުރައްވަން ވިދާޅުވި ކަމަށާއި އެކަންވެސް ޮއޮތީ ނުކުރެއްވި ކަމަށެވެ. "ވިދާޅުވި ގޮތަށް ކުރެއްވުނު އެއްވެސް ކަމެއް ނެތް."
އިބޫ ވަނީ ކުޑަހުވަދޫ އަކީ ފުރިހަމަ އަރބަން ސެންޓަރަކަށް ހައްދަވައި ހުރިހާ ޚިދުމަތްތަކެއް ފުރިހަމަކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ދ. ރިނބުދޫ ފަދަ މިހާރުގެ ސަރުކާރުން އެއްވެސް ކަމެއް ކޮށްދީފައި ނުވާ ބައެއް ރަށްރަށަށް ކޮށްދެއްވާނެ ބައެއް ކަންތައްތައް ވެސް ވަނީ ހާމަކުރައްވައިފައެވެ.