ފެހި ޤާނޫނު އަސާސީގެދަށުން ރިޔާސީ އިންތިޚާބެއްގައި މިހައިތަނަށް ހޯދޭ އެންމެ ރަނގަޅު ނަތީޖާ ހޯދަން މިފަހަރު މަސައްކަތްކުރަންވާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
މ. ދިއްގަރުގައި ވާހަކަފުޅުދައްކަވަމުން އިބޫ މިއަދު ވިދާޅުވީ ރައްޔިތުންގެ ފަރާތުން ކޯލިޝަނަށް ލިބިފައިވާ ތަރުޙީބަށް ބައްލަވާއިރު ވަރަށް ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ކަމަށެވެ. ނަމަވެސް އެކަން އެހިސާބުން ނިންމާލައިގެން ނުވާނެ ކަަމަށާއި ތަފާތު ބޮޑުކުރުމަށް އެންމެ ފަހު ވަގުތާއި ހަމައަށް ވެސް ތަފާތު ބޮޑުކޮށް ބޮޑު ތަފާތަކުން މޮޅުވަން މަސައްކަތްކުރަން އެދިވަޑައިގަންނަވާށެވެ.
އިބޫ ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި އެންމެ ބޮޑު މައްސަލައަކަށް ކުރިމަތިވާނީ ވޯޓުލުމާއި ވޯޓު ގުނުމުގައި އިލެކްޝަންސް ކޮމިޝަނުން ކުރިމަތިކުރުވާނެ މައްސަލަތައް ކަމަށެވެ. އެހެންކަމުން ތަފާތު ބޮޑުކުރަން އިތުރަށް މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.
ބައަކު ކޮންމެ ގޮތަކަށް ކަންތައްތައް ކުރިނަމަވެސް ކޯލިޝަނުގެ އެއްވެސް ސަޕޯޓަރަކު އެއްވެސް ހަަމަނުޖެހުމަކަށް ފުރުޞަތުދީގެން ނުވާނެ ކަމަށާއި ތިބެން ޖެހޭނީ ޤާނޫނީ އިމުގެ ތެރޭގައި ކަމަށްވެސް އިބޫ ވިދާޅުވިއެވެ.