ދައުލަތް ހިންގާ ނިޒާމުގެ ޒިންމާ އުފުލަންޖެހޭނީ ކާކަށްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ދައުލަތް ހިންގާ ނިޒާމުގެ ޒިންމާ އުފުލަންޖެހޭނީ ކާކަށްތަ؟
ބޭނުންވީމާ ސްޕްރީޕް ކޯޓުގެ ފުރާޅުމަތިން ސަލާމަތީ ބާރުތައް ވައްދައި އުއްތަމަ ފަނޑިޔާރާއި އިތުރު ފަނޑިޔާރަކު ހައްޔަރު ކުރެވުނެވެ. ބޭނުންވީމާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީސްކުރާ ގޭގެ ފާރުމަތިން ބޭރަށް އުކައިލެވެއެވެ.

އެކަމަކު މުޅި ޤައުމުގެ ހުރިހާ ރައްޔިތުން އެމްއެމްޕީއާރުސީ އިން ދައުލަތުގެ ފައިސާތަކަށް ޚިޔާނާތްތެރިވެ ވައްކަންކުރާ ކަމުގެ ވާހަކަ ދައްކަމުން ދިއައިރު އެކަންވީ ޒާތީ ހަސަދަވެރިކަމުގައި ދައްކާ ވާހަކައަކަށެވެ. މިސަރުކާރު ވެރިކަމަށް ގެންނަން ގަދައަޅައި މަސައްކަތްކުރި އަދާލަތު ޕާޓީން 3 ފަހަރުމަތިން ރައީސުލްޖުމްހޫރިއްޔާ ފައިންޕުޅު ދެކެ އެކަންކަން ސަމާލު ކަމަށް ގެނައުމުން ވިދާޅުވީ އަދީބަކީ އިސްލާމީ އުންމަތް އެބޭކަލަކަށްޓަކައި ފަޚުރުވެރިވާ ޚާލިދު ބުނު ވަލީދު ފަދަ ބޭފުޅެއް ކަމަށާއި 500 ޕަސަންޓް އިތުބާރު ކުރައްވާ ކަމަށެވެ.

މިހުރިހާ ކަންކަމަށްފަހު ރޭ އެމަނިކުފާނު މިވަނީ ހުރިހާ ކަމެއް ދައުލަތް ހިންގުމުގެ ނިޒާމު ކިޔާ ކޮންމެވެސް ނިޒާމެއްގެ ބޮލަށް ކަނޑުއްވައި ލައްވައިފައެވެ.

ދައުލަތް ހިންގުމުގެ ނިޒާމުގައި އެއްވެސް މައްސަލައެއް ހުރި ނަމަ އެކަމެއް އިޞްލާޙްކޮށް ރަނގަޅު ކުރުމުގެ ޒިންމާ އުފުލަން ޖެހޭނީ ކާކަށް ހެއްޔެވެ؟ އެ ނިޒާމުގައި އިޞްލާޙްކުރަންޖެހޭ ކަމެއް ހުރިނަމަ އެކަމެއް ކުރުމަކީ ކާކުގެ ޒިންމާއެއް ހެއްޔެވެ؟ އިޞްލާޙްކުރެވެން އޮތީ މަޖިލީހުގެ ތެރެއިން ކަމަށްވާނަމަ އެކަމެއް ކުރުމުގެ ޒިންމާ އުފުލަންޖެހޭނީ ކާކަށް ހެއްޔެވެ؟ ރައްޔިތުންގެ ވޯޓަކުން ކަމަށްވާނަމަ އެކަމެއް ކުރުމަކީ ކާކުގެ ޒިންމާއެއް ހެއްޔެވެ؟

ރާއްޖޭގެ ތާރީޚުގައިވެސް ހިންގާފައިވާ އެންމެ ބޮޑު މާލީ ޖަރީމާ، ވައްކަން، ޚިޔާނާތް، ކޮރަޕްޝަން ރައީސް ޔާމީނުގެ ސަރުކާރުގައި ހިނގައި ދިއުމުން އެއީ ނިޒާމުގެ މައްސަލައަކުން ހިނގައިދިއަ ކަންތައްތަކެއް ކަމަށް ރައީސް ޔާމީނު ރޭ ވިދާޅުވުމާއި ގުޅިގެން މިފަދަ ގިނަ ސުވާލުތަކެއް ގިނަ ބައަކު ދަނީ ކުރަމުންނެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފެންނަން އޮތް އަދަދު 1.2 ނުވަތަ 1.3 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު ރަނގަޅަށް މައްސަލަތައް ބަލައިފިނަމަ އެ އަދަދު 4 ގުނައަށް އިތުރުވެ ދައުލަތަށް ލިބިފައިވާ ގެއްލުން 4 ބިލިއަން ރުފިޔާއަށްވުރެ އިތުރުވާނެ ކަމަށް މާލީ ދިރާސާތައް ކުރައްވާ ބޭފުޅުން ގެންދަވަނީ ތުހުމަތު ކުރައްވަމުންނެވެ.

އެހެންކަމަށްވާއިރު ރާއްޖޭގައި އުޅޭކަމަށް ރައީސް ޔާމީނު އެވިދާޅުވާ ނިޒާމު ހިފައި ހައްޔަރުކޮށް ކަސްތޮޅު އަޅުވަން ނުޖެހޭބާވައެވެ! އެނިޒާމު މިނިވަންކަމާއިއެކު ރާއްޖޭގައި އުޅެން ދޫކޮށްލުމުގެ ޒިންމާ އުފުލަން ދައުލަތް ހިންގުމުގެ އެންމެ އިސް މަސްއޫލިއްޔަތު އަދާކުރާ ފަރާތަށް ނުޖެހޭބާވައެވެ! އެކަން ނުކުރެވި އޮތުމުން އެ ފަރާތް ޒިންމާދާރުކުރުވަން ރައްޔިތުންނަށް ނުޖެހޭބާވައެވެ!
މިއަދު އޮންލައިން