ރެދަން ލުމުގައި ރ އަތޮޅު ވާދޫ އަކީ ނަން މަޝްހޫރު ރަށެކެވެ. އެކިއެކި ދުވަސްވަރުގައި ވާދޫގެ ގޮނޑުދޮށް ފަޅުފިލުވާލަދެނީ ރެދަނުގެ ހިތްގައިމު އަލިކަމުންނެވެ.
މި ދުވަސްވަރަކީ ވެސް އެރަށުގައި ގަދައަށް ރެދަން ލަމުން އަންނަ ދުވަސްވަރެކެވެ. ރޭގަނޑުގެ ވަގުތުގައި ވާދޫގެ ގޮނޑުދޮށް އޮންނަނީ ނޫކުލައިގެ އަލިން ދިއްލާލައިފަ އެވެ. އިރުއޮއްސި އަނދިރިވުމާއެކު، އެ ރަށުގެ ގޮނޑުދޮށަށް ބީއްސާލާ ކޮންމެ ރާޅަކާއެކު އެ އަލި ގަދަވެއެވެ. އަދި އިރު އަރަންދެން ރަށުގެ ވަށައިގެންވާ ގޮނޑުދޮށުން ފެންނަނީ ހިތްގައިމު އެ އަލިކަމެވެ.
ވާދޫގައި އާންމުކޮށް ރެދަން ގަދައަށް ލާ ދުވަސްވަރު ރެދަން ލަނީ ރަށުގެ އިރުމަތީ ފަރާތު ގޮނޑުދޮށުން ކަމަށް ވިޔަސް މިފަހަރު ރެދަން ލަމުން އަންނަނީ ރަށުގެ ހުޅަނގު ފަރާތު ގޮނޑު ދޮށުންނެވެ.
ރެދަންގެ އަލި އެންމެ ގަދަވަނީ ކަޅުފޮއި ރޭރޭ ދިޔަވަރު ބޮޑުވާ ވަގުތުގައި ކަމަށް ވެއެވެ.
ވާދޫގައި މީގެ ކުރިން އެންމެ ގަދައަށް ރެދަންލާފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުއެވެ. އަދި އޭގެ ކުރިން 2013 ވަނަ އަހަރުއެރަށުގައި ވަރަށް ގަދައަށް ރެދަން ލާފައިވާ ކަމަށް އެރަށުން "މިއަދު ނޫހަށް" މައުލުމާތުދިން ފަރާތަކުން ބުންޏެވެ.
އެރަށުގައި ރެދަން ލި ފަހަރުތަކުގައި ކައިރި ރިސޯޓްތަކުންނާއި ރަށްރަށުން އަދި ބޭރުގެ ބައެއް ފަރާތްތަކުންވެސް ވަނީ ރެދަމުގެ ހިތްގައިމުކަން ހަމަ ލޮލުން ބަލާލުމަށް އެރަށަށް ޒިޔާރަތްކޮށްފައެވެ.